ޚަބަރު

އައްޑޫ އަވަށު ބޯޑުގެ މެމްބަރުންނަށް މުސާރަދިނީ ޤާނޫނާ ހިލާފަށް


އައްޑޫސިޓީގެ އަވަށުބޯޑުތަކަށް އައްޔަންކުރި އަވަށުބޯޑު މެމްބަރުންގެ މުސާރާއިގެ ގޮތުގައި ދީފައިވާ ތިންމިލިއަނަށްވުރެ ގިނަރުފިޔާ ހަރަދުކޮށްފައިވަނީ މާލިއްޔަތު ޤާނޫނާއި ހިލާފަށް ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.އޮޑިޓަރ ޖެނެރަލް މިހެން ވިދާޅުވެފައި ވަނީ، އައްޑޫސިޓީގެ އަވަށުބޯޑުތަކަށް އައްޔަންކުރި އަވަށުބޯޑު މެމްބަރުންގެ މަޤާމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި ހިލާފަށް އުފައްދާފައިވާ މަޤާމުތަކެއްކަމަށް އައްޑޫސިޓީގެ ހިތަދޫ މެޖިސްޓްރޭޓްކޯޓުން ނިންމާފައި ވާތީއެވެ.އޮޑިޓަރ ޖެނެރަލް ހަސަން ޒިއަތު ނެރުއްވާފައިވާ އައްޑޫ ސިޓީކައުންސިލް އިދާރައިގެ 2012 ވަނައަހަރުގެ ހާއްސަ އޯޑިޓްރިޕޯޓުގައި ފާހަގަކޮށްފައި ވާގޮތުން އައްޑޫ ސިޓީގެ އަވަށު ބޯޑުތަކަށް އައްޔަންކުރި މެމްބަރުންނަށް، ކޯޓުގެ ހުކުމަށްފަހުވެސް މުސާރަ ދީފައިވެއެވެ. އެގޮތުން އެ މެމްބަރުން އައްޔަންކުރި ތާރީޚުން ފެށިގެން 2013 ވަނަ އަހަރު ނޮވެމްބަރ މަހުގެ ނިޔަލަށް ޖުމްލަ 3،254،733 ރުފިޔާ މުސާރައިގެ ގޮތުގައި ހަރަދުކޮށްފައި ވާކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.މީގެއިތުރުން އަވަށުބޯޑު މެމްބަރުންނަށް ވަޒީފާ ދީފައި ވީނަމަވެސް މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތަށް ބަޔާންކޮށް އެއްބަސްވުމުގައި ސޮއި ކުރުވާފައި ނުވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އަދި  އަވަށުބޯޑުތައް އުފައްދައި އެބޯޑުތަކަށް މެމްބަރުން އައްޔަންކުރުމުގައި، ވަކިފަރާތަކަށް ފައިދާހޯދައި ދިނުމަށް މަސައްކަތް ކޮށްފައި ވާކަމަށް ބެލެވޭކަމަށާއި، އެކަމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައި ވޭތޯ އިތުރަށް ތަހުޤީޤު ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށައެޅުމަށްވެސް އޯޑިޓަރޖެނެރަލް ވަނީ ގޮވާލައްވާފައެވެ.2012 ވަނަ އަހަރު އައްޑޫ ސިޓީކައުންސިލްގެ އިދާރާގެ ބަޖެޓުން ހަރަދުކޮށް އެކައުންސިލަށް ހޯދާފައިވާ 950،044 ރުފިޔާގެ ތަކެތި ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނާފައި ނުވާކަންވެސް އޯޑިޓްރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައި ވާ ކަންކަމުގެ ތެރެއިން އިތުރަށް ތަހުޤީގު ކުރަންޖެހޭ ކަމެއް ވާނަމަ ކަމާއިގުޅޭ އިދާރާތަކުން ތަހުޤީގު ކުރުމަށްފަހު އެކަންކަމުގައި އިހުމާލުވާ ފަރާތްތަކާއިމެދު ފިޔަވަޅުއެޅުމަށް އޯޑިޓަރ ޖެނެރަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.އައްޑޫސިޓީގެ އަވަށުބޯޑުތައް އުފައްދާފައި ވަނީ 2011 ވަނަ އަހަރު ބޭއްވި އެކައުންސިލްގެ 17 ވަނަ ބައްދަލުވުމުގައި ފާސްކޮށްގެންނެވެ. އަދި އެބޯޑުތަކަށް މެމްބަރުން އައްޔަން ކޮށްފައިވަނީ 2011 ވަނަ އަހަރުގެ މާރޗް މަހުގެ އެއްވަނަ ދުވަހުންފެށިގެން ނެވެ.