މިއަހަރު ހިނގި މަސްތުވާތަކެތީ ބޮޑު އޮޕަރޭޝަންތަކުގައި އަތުލައިގެން ތަކެތި ނައްތާލުމުގައި އާއްމުން ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސާރވިސް އިން ހުޅުވާލައިފިއެވެ.
އެއިދާރާއިން ވިދާޅުވީ މިދިޔަ ސެޕްޓެމްބަރާއި އޮކްޓޫބަރުމަހު ފުލުހުން ހިންގި 3 އޮޕަރޭޝަނެއްގައި ހިމެނޭ ތަކެތި ނައްތާލުމުގައި އާއްމުންނަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެވޭނެކަމަށެވެ. ފުލުހުން ވިދާޅުވީ އަންނަ އަންގާރަދުވަހު ނައްތާލަން ހަމަޖައްސާފައިވާ މަސްތުވާތަކެތީގެ ބަރުދަން 200 ކިލޯއަށްވުރެ އިތުރުކަމަށެވެ.
ފުލުހުން ވިދާޅުވީ އެދުވަހު ނައްތާލާ ތަކެތީގެ ތެރޭގައި މިއަހަރުގެ އޮކްޓޫބަރުމަހުގެ 1 ވަނަދުވަހު ކަނޑުމަގުން އައްޑޫއަށް އެތެރެކުރި 79 ކިލޯގެ މަސްތުވާތަކެއްޗާއި، ގއ ވިލިގިނލި ލައިޓްހައުސް ޝަހީބް އިބްރާހިމް އިސްވެ ހުރެ ކަންނެލި ދޯންޏެއްގައި ރާއްޖެ އެތެރެކުރި 120 ކިލޯގެ މަސްތުވާތަކެތި ހިމެނޭކަމަށެވެ. މީގެއިތުރުން މިދިޔަ ސެޕްޓެމްބަރުމަހު ޑާކާ މަގުން ރާއްޖެއަށް އެތެރެވި ބަންގްލަދޭޝް މީހެއްގެ އަތުން ފެނުނު 3 ކިލޯގެ މަސްތުވާތަކެތިވެސް އަންނަ އަންގާރަދުވަހު ނައްތާލާނެކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.
މި ތަކެތި ނައްތާލުމަށް ދޫނިދޫގައި އޮންނަ ހަރަކާތުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތަކަށް ނަންނޯޓްކުރުމުގެ ފުރުސަތު އަންނަ އާދިއްތަދުވަހުގެ މެންދުރު 12:00 އަށް ފުލުހުން ވަނީ ހުޅުވާލާފައެވެ. އެގޮތުން އޮބްޒާވަރުންނަށް ވާން އެދޭ ފަރާތްތަކުން ފުރިހަމާ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ޕޮލިސް މީޑިއާ މެއިލް[email protected] އަށް މެއިލަށް ފޮނުވުމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޮބްޒާވަރުންނަށް ފުރުސަތުދޭނީ މެއިލް ކުރާ ތަރުތީބުންކަމަށްވެސް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވެއެވެ.
130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އެކަމުގައި އިސްކޮށް އުޅުނު ޝަހީބް އިބްރާހީމާއި އޭނާގެ އެކުވެރިޔާ ހއ. ހޯރަފުށީ ވައިޓްވިލާ އަހްމަދު މޫސާގެ މައްޗަށް ދައުވާކުރުމަށް މިދިޔަ ހަފްތާގައިވަނީ ކޯޓަށް ފޮނުވާފައެވެ. މި މައްސަލާގައި މި ދެމީހުންގެ އިތުރުން އެ ދޯނިން ހައްޔަރުކުރި ބަންގްލަދޭޝް ދެ މީހަކާއި ދެ ދިވެހިންނާއި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށްވެސް ދައުވާކުރަން ވަނީ ފޮނުވާފައެވެ.
ކަންނެލި ދޯންޏެއްގައި މިތަކެތި އެތެރެކުރަން މަސައްކަތް ކުރި ޝަހީބް އިބްރާހިމަކީ މަސްތުވާތަކެތީގެ ވިޔަފާރީ ފުޅާ ދާއިރާއެއްގައި ކުރާ ބޮޑު ނެޓްވޯކެއްގެ އިސްމީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް ކަނޑުމަތިން އަތުލައިގެން 79 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 7 މީހެއްގެ މައްޗަށް 10 ދައުވާއެއް ކުރަން ވަނީ ކޯޓަށް ފޮނުވާފައެވެ. އޭގެތެރޭގައި މި ނެޓްވޯކުގެ ވެރިޔާ ސ. ހިތަދޫ ފިނިފަރު އަބްދުﷲ އިބްރާހިމްވެސް ހިމެނެއެވެ. މީނާއަކީ މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ރެކޯޑްވެސް އޮންނަ މީހެކެވެ.