ސިއްހަތު

މަސައްކަތު މާހައުލުގެ ރައްކާތެރިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


މަސައްކަތު މާހައުލުގެ ސަބަބުން ޖެހޭ ބަލިތަކާއި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކޮށް މަސައްކަތު މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތްތެރިންނާއި މަސައްކަތް ކުރުވާ ފަރާތްތައް އަހުލުވެރިކުރުމާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ކުރިއަށްގެންދާ "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކެންޕޭން"ގެ ތެރެއިން ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މިބައްދަލުވުމުގައި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނަށާއި ސަރުކާރު ހިއްސާވާ އަދި ޕްރައިވެޓް ކުންފުނިތަކާއި އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނަށް މަސައްކަތު މާހައުލުގެ ސަބަބުން ޖެހޭ ބަލިތަކާއި ކުރިމަތިވާ ނުރައްކާތަކާއި ބެހޭގޮތުންނާއި، ރައްކާތެރިކަން ކަށަވަރު ކުރުމުން ލިބިގެންދާ ފައިދާތަކާއި މަސައްކަތު މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި މަސައްކަތު މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުއައްސަސާތަކުން ކުރެވިދާނެ މަސައްކަތްތަކާއި އަދި ސަރުކާރާ ގުޅުންހުރި މުއައްސަސާތަކާ އެކު ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސްވަނީ މަޝްވަރާކޮށްފައެވެ. މިބައްދަލުވުމުގައި އެކި މުއައްސަސާތަކުގައި ހިނގާފައި ހުރި ނުރައްކާތެރި ހާދިސާތަކުގެ މައްޗައްވެސް އަލިއަޅުވާލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ މި ބައްދަލުވުމުގައި، މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރެއިން، ވަޒީފާދޭ ފަރާތުން މަސައްކަތު މާހައުލުގެ ރައްކާތެރިކަމުގެ އާލާތްތައް ފޯރުކޮށްދިނުމުގެ މުހިންމުކަމާއި، މަސައްކަތުގައި އުޅޭ ވަގުތުތަކުގައި ނުރައްކާތެރި ހާލަތްތައް ދެނެގަންނަން އެނގުމާއި، މަސައްކަތާގުޅޭ ސަލާމަތީ އާލާތްތައް ބޭނުންކުރުމާއި ގުޅޭގޮތުން މުވައްޒަފުން އަހުލުވެރިކުރުމާއި ތަމްރީންކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.

މި ބައްދަލުވުމުގައި މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެކި މުއައްސަސާތަކުގައި ހުރި ގޮންޖެހުންތައްވެސް ފާހަގަކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި "މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރި ކަމުގެ ބިލް" ފާސްކޮށް ތަންފީޒް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ހުރިހާ ބައިވެރިންނަށްވެސް ފެންނަކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން 2021 ވަނަ އަހަރު، މަސައްކަތުމާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލް ފާސްކުރުމުމުގެ އިތުރުން މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަން ހެލްތު މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.