ވިޔަފާރި

ފަތުރުވެރިކަމަށް އަލަށް ދޫކުރާ 4 ރަށެއް އާދީއްތަ ދުވަހު އިއުލާންކުރަނީ


ފަތުރުވެރިކަމަށް 4 ރަށެއް ދޫކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށެވެ. އެގޮތުން ތަފާތު ހަތަރު އަތޮޅަކުން 4 ރަށެއް، ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އަންނަ ހަފްތާގެ އާދީއްތަ ދުވަހު އިއުލާން ކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ނަަމަވެސް މިއީ ކޮން އަތޮޅުތަކެއް ރަށްތަކެއް ކަމެއް މިނިސްޓްރީން ހާމަކޮށްފައި ނުވެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ފަތުރުވެރިކަމަށް ރައްތަށް ތަރައްޤީ ކުރުމަށް ހުޅުވާލަން ނިންމާފައިވާކަން ހާމަ ކުރިއިރު، މިއަހަރުގެ ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 އިގެ ހާލަތުގައި ތަރައްޤީ ކުރަމުންދިޔަ ރިސޯޓުތަކުގެ މަސައްކަތްވެސް އޮތީ މަޑުޖެހިފައެވެ. މިކަމަށް އިޝާރާތް ކުރައްވާ ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ މިއަންނަ އަހަރަކީ މި ސިނާޢަތަށް އިންވެސްޓްމެންޓުތަކެއް ލިބިގެންދާނެ އަހަރެއް ކަމަށެވެ.

އަދި މިއަހަރު 12 ފެސިލިޓީއެއްގެ މަސައްކަތް ކޯވިޑް-19ގެ ސަބަބުން ނުނިމި އޮތްކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ އަންނަ އަހަރަށް މިތަންތަންވެސް ހުޅުވި، ސިނާޢަތް ފުޅާވެ ރަނގަޅު އަހަރަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޓުއަރިޒަމް ޤާނޫނަށް އިސްލާހުތަކެއް ގެނެސް މުޅި މަޖިލީހުގެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ. އެގޮތުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި ރިސޯޓްކާއި ގެސްޓްހައުސް ފަދަ ތަންތަން ހެޑް ލީސްގެ މުއްދަތަށް ވިއްކުމުގެ ފުރުސަތު ފަހިކުރުން ހިމެނެއެވެ.