ވިޔަފާރި

ބަޓްލަރުން ތަމްރީންކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި


ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް ބަޓްލަރ އެކަޑަމީ އާއި ދެމެދު ބަޓްލަރުން ތަމްރީން ކުރުމުގެ އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެމް.އޯ.ޔޫ ގައި ސޮއިކުރެއްވީ ޑިރެކްޓަރ އަދި އެކްޓިންގ ޕާރމަނެންޓް ސެކްރެޓަރީ އަލީ ޝިނާން އެވެ. މޯލްޑިވްސް ބަޓްލަރ އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ މުޙައްމަދު ޔަމާނީއެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ބަޓްލަރ އެކަޑަމީގެ ސަރޓިފިކެޓް އެންޑޯސްކޮށްދޭނެއެވެ. އަދި މިއެއްބަސްވުމުގެ ދަށުން ބަޓްލަރުން ތަމްރީނުކުރުމާއި ގުޅޭ ކަންތައްތަކުގައި ޓޫރިޒަމް މިނިސްޓްރީއަށް މޯލްޑިވްސް ބަޓްލަރ އެކަޑަމީގެ އެހީތެރިކަން ފޯރުކޮށް ދިނުމާއި ރާއްޖޭގެ ބަޓްލަރ ޓްރެއިނިންގ ކޯސް ހިންގުމާއި ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ބަޓްލަރ ޕްރޮފެޝަންއަށް ދިވެހިންގެ ޝައުޤުވެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވުނު އެމް.އޯ.ޔޫ ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަޓްލަރ ޓްރެއިނިންގ ޕްރޮގްރާމްއަކީ ރައްޖެއަށް ވަރަށް މުޙިއްމު ޕްރޮގްރާމެއް ކަމުގައި ޓޫރިޒަމް މިނިސްޓަރ ޑރ.މައުޞޫމް ފާހަގަ ކުރެއްވިއެވެ. އަދި ބަޓްލަރ ވަޒީފާއަކީ ހުނަރުވެރި،ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއަކަށް ވާތީވެ، އެކަމަށް ގިނަ ދިވެހިން ކުރިމަތި ލައްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ބަޓްލަރ އެކަޑަމީގެ ޑިރެކްޓަރ މުޙައްމަދު ޔަމާނީގެ ވާހަކަފުޅުގައި އަމިއްލަފަރާތްތަކަށް ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ހިންގޭ މިފަދަ ޕްރޮގްރާމްތަކުން ދިވެހިންނަށް ވަޒީފާގެ ކުރިއެރުން ލިބުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަމަށް ފާހަގަ ކުރެއްވިއެވެ.

މަތީ ފެންވަރުގެ ރިޒޯޓްތަކުގައި ގެސްޓުންނަށް ޚިދުމަތް ދިނުމުގައި ބަޓުލަރުން ބޭނުންކުރުމަކީ މިފަހަކަށް އައިސް ވަރަށް މަޤުބޫލުކަމެކެވެ.