ޚަބަރު

ހެކެތޯންތަކުގެ އުފެއްދުންތަކުން މުސްތަޤްބަލަށް ބޮޑެތި ފައިދާތަކެއްކުރާނެ: މިނިސްޓަރ މައުސޫމް


ހެކެތޯންތަކުގެ އުފެއްދުންތަކުން މުސްތަޤްބަލަށް ބޮޑެތި ފައިދާތަކެއްކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓުރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ހާއްސަކޮށްގެން ޓެކްނޮލޮޖީގެ އެހީގައި، ޒުވާނުންނަށް އަމާޒުކޮށްގެން ހެކް މޯލްޑިވްސްގެ ފަރާތުން ބޭއްވި ހެކަތޯން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހެކް މޯލްޑިވްސްއިން ބޭއްވި ހެކްތޯން ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ޒުވާނުންނަށް ހާއްސަކޮށްގެން، ހުނަރުވެރި އެތައް ބައިވެރިންނަކާއެކު މިފަދަ ހަރަކާތެއް ހިންގެވީތީ ހެކް މޯލްޑިވްސްއަށާއި ހަރަކާތުގެ އެހެން ބައިވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިން ޒުވާނުންގެ އުފެއްދުންތެރިކަން މުޖުތަމައުއަށް ބޭނުންހުރި ގޮތަކަށް ނެރެދިނުމުގެ ފުރުސަތު ލިބިގެންދާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ޒުވާނުން ހުނަރުވެރިކަން ބޭނުންކޮށްގެން އުފައްދާ އުފެއްދުންތައް މުސްތަގްބަލުގައި މަސައްކަތްކުރުމަށާއި، ކަންކަން ކާމިޔާބު ކުރުމަށް ބޭނުންކުރުމަކީ ވަރަށް ބޮޑު އުއްމީދެއްކަމަށެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގައި އައިޓީގެ ދައުރު މުހިންމުކަމަށާއި އައިޓީގެ އުފެއްދުންތަކުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ މަސައްކަތްތައް ވަރަށް ބޮޑަށް ފަސޭހަވެފައިވާކަމަށެވެ. އަދި މި ބޭއްވި ހެކަތޯން މެދުވެރިކޮށް ޒުވާނުންގެ ހުނަރު ބޭނުންކޮށްގެން، ބޭނުންތެރި އުފެއްދުންތަކެއް އުފެއްދޭނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިއަދުގެ މަސައްކަތުގެ މާހައުލުގައި ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ޒުވާނުންނަށް ހޯދޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ޒުވާނުންނަށް ބޭއްވި މި ހާއްސަ ހަރަކާތުގައި ޕްރޮފެސަރ އުގެއިލްއާއި، އެންވަޔަރަމަންޓް މިނިސްޓަރ ހުސައިން ރަޝީދުގެ ބައިވެރިވުން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ހެކް މޯލްޑިވްސްއިން އިސްނަގައިގެން ބޭއްވި މި ހެކަތޯންގައި ޓޫރިޒަމް މިނިސްޓްރީއާއި، އެންވަޔަރަމަންޓް މިނިސްޓްރީއާއި، ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފައެވެ.

ހެކް މޯލްޑިވްސްއިން ބޭއްވި މި ހެކަތޯންގެ ގްރޭންޑް ވިނަރ ނުވަތަ އެއްވަނަ ހޯދާފައިވަނީ ސާފު.އެމް.ވީއެވެ. ދެވަނަ ހޯދާފަވަނީ ޓުއާގޯއެވެ. އަދި ތިންވަނަ އަށް ގޮސްފައިވަނީ އެކްސްޕީރިއެންސް މޯލްޑިވްސް ޓްރެވަލްއެވެ.

ޓޫރިޒަމް ޗެލެންޖް ކާމިޔާބުކޮށްފައިވަނީ ޓުއާގޯއެވެ. އަދި އެންވަޔަރަމަންޓް ޗެލެންޖް ކާމިޔާބުކޮށްފައިވަނީ ސާފު.އެމް.ވީ އާއި ދަ ގްރީން ސޮސައިޓީ އަދި ކިމޭރާއެވެ. ހެކްތޯންގެ ސްމާޓް ސިޓީ ނޮމިނީސްއަށް ހޮވިފައިވަނީ ސްޓްރީޓް ލައިޓް އޮޓޯމޭޝަން އާއި ގްރީން ސޮސައިޓީއެވެ.

ހެކް މޯލްޑިވްސްގެ ހެކަތޯންއިން އެއްވަނަ ހޯދި ސާފު.އެމް.ވީއަކީ ކުނި މެނޭޖްކުރުމަށްޓަކާ ބޭނުންކުރުމަށް ހަދާފައިވާ އެޕްލިކޭޝަންއެކެވެ. އަދި ޓުއާގޯއަކީ ޓޫރިޒަމް އިންޑަސްޓްރީގައި ބޭނުންކުރުމަށް ހަދާފައިވާ އެޕްލިކޭޝަންއަކަށްވާއިރު އެކްސްޕީރިއެންސް މޯލްޑިވްސްއަކީވެސް ޓޫރިޒަމް އިންޑަސްޓްރީގައި ބޭނުންކުރުމަށް ހަދާފައިވާ އެޕްލިކޭޝަންއެކެވެ.

ހެކަތޯންއަކީ ޓެކްނޮލޮޖީގެ އެހީގައި ތަފާތު އެޕްލިކޭޝަންތަކާއި އުފެއްދުންތައް އުފައްދާ ހަރަކާތެކެވެ. ޒުވާނުންނާއި ތަފާތު އެކި ޑިވެލޮޕަރުން އެކުވެގެން ބާއްވާ މި ހަރަކާތުގައި މިފަހަރު އުފައްދާފައިވަނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރުމަށް އެހީ ވެދޭ އުފެއްދުންތަކެވެ. މިއަހަރުގެ ހެކެތޯންގައި 432 ރެޖިސްޓްރޭޝަން ހިމެނޭއިރު، 27 ޓީމަކުން 12 ޕްރޮޖެކްޓެއް ހުށަހެޅިއެވެ.