ދެކުނު އެފުރިކާއާއި ގުޅުންހުރި ކޯވިޑް-19ގެ އައު ވައްތަރެއް އިނގިރޭސިވިލާތުން ފެނިއްޖެއެވެ. އިނގިރޭސިވިލާތުން އެ ބާވަތުގެ ވައިރަސް ފެނިފައިވަނީ ބަދަލު އައިސްފައިވާ އަދި ބަލިޖެއްސުމުގެ ބާރު 70 އިންސައްތައަށް އިތުރު ކޯވިޑް-19 ވައިރަހެއް އިނގިރޭސިވިލާތުގައި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
ދެކުނު އެފުރިކާގެ ޞިއްޙަތާއިބެހޭ ވުޒާރާއިން މިދިޔަ ހަފުތާގައި ބުނީ އެ ޤައުމުގައި ފެތުރެމުންދާ ކޯވިޑް-19 ވައިރަހަށް ވިރާސީ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަވެފައިވާކަމަށާއި، ފަހުގެ ދުވަސްތަކުގައި އެ ޤައުމުގައި ބަލިފެތުރޭ މިންވަރު އިތުރުވެފައިވަނީ ވައިރަހުގެ އެ ބާވަތުގެ ސަބަބުންކަމަށް ބެލެވޭކަމަށެވެ.
ޑިސެމްބަރު މަހުގެ 23ވަނަ ދުވަހުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން އިނގިރޭސިވިލާތުގެ ޞިއްޙަތާއިބެހޭ ވަޒީރު މެޓް ހެންކޮކް ވިދާޅުވީ ދެކުނު އެފުރިކާގެ ސައިންސުވެރިންގެ ހޯދުންތަކާއި އެއްގޮތް ވައިރަހެއްގެ ސަބަބުން ބަލިޖެހިފައިވާ ދެ މީހަކު އިނގިރޭސިވިލާތުން ފެނިފައިވާކަމަށެވެ. އެ ދެ މީހުންނަކީވެސް ފާއިތުވި ހަފުތާތަކުގައި ދެކުނު އެފުރިކާއިން އިނގިރޭސިވިލާތަށް ދަތުރުކޮށްފައިވާ ބަޔަކާ ބައްދަލުވެފައިވާ ދެ މީހުންކަމަށް އޭނާ ވިދާޅުވިއެވެ.
ހެންކޮކް ވިދާޅުވީ ދެކުނު އެފުރިކާއާއި ގުޅުންހުރި ބަދަލު އައިސްފައިވާ ވައިރަހުގެ ސަބަބުން ކަންބޮޑުވުން އިތުރުވެފައިވާކަމަށާއި، އެ ވައިރަހަކީވެސް ގައިންގަޔަށް އެރުމުގެ ބާރު އިތުރު ވައިރަހެއްކަމަށެވެ. އަދި އިނގިރޭސިވިލާތުގައި ފެތުރެމުންދާ ބާވަތަށްވުރެ ބޮޑެތި ބަދަލުތައް ދެކުނު އެފުރިކާގައި ފެތުރެމުންދާ ވައިރަހަށް އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޕަބްލިކް ހެލްތު އިންގްލޭންޑުގެ ފަރާތުން ވާހަކަދެއްކެވި ސޫސަން ހޮޕްކިންސް ވިދާޅުވީ އިނގިރޭސިވިލާތުގައި ފެތުރެމުންދާ ވައިރަހުގެ ބާވަތާއި ދެކުނު އެފުރިކާގައި ފެތުރެމުންދާ ވައިރަހުގައި ބޮޑެތި ތަފާތުތަކެއް ހުރިކަމަށެވެ. ދެ ވައިރަހަކީވެސް ގައިންގަޔަށް އެރުމުގެ ބާރު އިތުރު ދެ ބާވަތްކަމަށް އޭނާ ވިދާޅުވިއެވެ. ހޮޕްކިންސް ވިދާޅުވީ ކޯވިޑް-19އާއި ދެކޮޅަށް މިހާރު ތައްޔާރުކޮށްފައިހުރި ވެކްސިންތަކަށް ބަދަލުއައިސްފައިވާ ދެ ވައިރަސްވެސް ގުޑާނެކަމަށް ބެލެވޭކަމަށެވެ.
ދެކުނު އެފުރިކާއާއި ގުޅުންހުރި ވައިރަހުގެ ބާވަތް އިނގިރޭސިވިލާތުން ފެނުމާއި ގުޅިގެން ދެކުނު އެފުރިކާއިން އެ ޤައުމަށް ކުރާ ވައިގެ ދަތުރުތައް ހުއްޓާލުމަށް އިނގިރޭސިވިލާތުންވަނީ ނިންމާފައެވެ. ޞިއްޙަތާއިބެހޭ ވަޒީރު ވިދާޅުވީ ދެކުނު އެފުރިކާއާއި ގުޅުންހުރި ވައިރަހުގެ ބާވަތުން ކޯވިޑް-19 ޖެހިފައިވާ އިނގިރޭސިވިލާތުގައި ތިބި މީހުންނާއި އެމީހުންނާއި ގާތްކޮށް އުޅޭ އެންމެން މިހާރު ކަރަންޓީނުކޮށްފައިވާކަމަށެވެ. އަދު ފާއިތުވި ދެ ހަފުތާގެ ތެރޭގައި ދެކުނު އެފުރިކާއަށް ދަތުރުކޮށްފައިވާ މީހަކާއި ބައްދަލުވެފައިވާ އެންމެން އެކަހެރިވުމަށް ސަރުކާރުގެ ފަރާތުން އެދިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.