ޚަބަރު

މާލޭގައި ކުނި ނަގާ ގަޑިއަށް ޖެނުއަރީ 10އަކުން ފެށިގެން ބަދަލުގެންނަނީ


އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ގެތަކުން ކުނި ނަގާ ގަޑި ބަދަލުކުރަން ވެމްކޯއިން ނިންމައިފިއެވެ. ވެމްކޯއިން ހާމަކުރި ގޮތުގައި ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ގޭބިސީތަކުން އުކާލާ ކުނި ބޭރަށް ނެރެން ޖެހޭނީ ކޮންމެ ރެޔެއްގެ 10 އިން 12 އާ ދެމެދުއެވެ.

މާލޭގެ ގެތަކުން ކުނި ނަގާ ވަގުތަށް ވެމްކޯއިން ބަދަލު ގެންނަން ނިންމީ ސްކޫލްތައް ހުޅުވުމުން މާލޭގެ މަގުތަކުގެ ބާރުބޮޑުވާނެތީ ދުވާލުގެ ވަގުތުތަކުގައި ވެމްކޯގެ ވެހިކަލްތައް މަގުމަތީގައި ހަރަކާތްތެރިވުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކާ ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ. އަދި މި ބަދަލު ގެނެސްފައިވަނީ ހަމައެކަނި މާލޭގެ ގެތަކަށް ކަމަށާއި، ހުޅުމާލެއާއި ވިލިމާލެއިން ކުނި އުކާލުމުގެ ޚިދުމަތް ދެމުންދާނީ މިހާރުވެސް ދެމުން އަންނަ އުސޫލުން ކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވިއެވެ. އެހެން ކަމުން ވިލިމާލެ އާއި ހުޅުމާލޭގެ ގެތަކުން ކުނި ނެރުމަށް ހަމަޖެހިފައިވަނީ ކުރިއެކޭ އެއްގޮތަށް މެންދުރު 12 އިން 14.00 އާދެމެދުއެވެ.

ވެމްކޯއިން މިބަދަލުގެނައީ ކޯވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށްގެން ކަމުން މި ހާލަތު ބަދަލުވުމާއެކީ މި ގަޑިތަކަށް އަނެއްކާވެސް ބަދަލު ގެންނާނެ ކަމަށެވެ. އަދި ކުރިންވެސް ކުނި ނެގުމުގެ ޚިދުމަތް ދެމުންގެންދިޔަ ގޮތަށް ގެތަކަށް ގޮސްގެން ކުނި ނެގުމުގެ ޚިދުމަތް ދޭން ފަށާނެ ކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ގެތަކުން ކުނި ބޭރަށް ނެރުމުގެ ވަގުތަށް ގެނައި ބަދަލާއެކު ވެމްކޯއިން މާލޭގެ މަގުތަކުގައި ކުނިކެހުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ ކޮންމެ ރެޔެއްގެ މެންދަމު 12 އިން ފެށިގެން ފަތިސް ނަމާދާއި ހަމައަށެވެ. އެހެން ކަމުން ރޭގަނޑުގެ ވަގުތު ތަކުގައި ވެމްކޯގެ ވެހިކަލްތައް މަގުމަތީގައި ހަރަކާތްތެރި ވާނެކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ.

މިގެނެވުނު ބަދަލަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަށް ވެމްކޯއިން ވަނީ އެދިފައެވެ. އެގޮތުން މަގުމައްޗަށް ކުނި ނެރޭއިރުވެސް ވެމްކޯއިން ކަނޑައަޅާފައިވާ ސާފުތާހިރުކަމުގެ މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.