ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަކީ މުޖުތަމަޢުގެ ހިއްސާއެއްގެ ގޮތުގައި ބަލައިގަނެ ބޮޑުކުރަންޖެހޭ ކުދިންތަކެއްކަމަށާއި އެކުދިންނަށް އެފަދަ މާޙައުލެއް ހޯއްދަވާދެއްވާނެކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ އުފާވެރި މާޙައުލެއްގައި ހިތްހަމަޖެހިގެން ބޮޑުވުމަކީ ކޮންމެ ކުއްޖެއްގެވެސް ޙައްގެއްކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންވެސް އެޙައްގުން މަޙުރޫމް ވިޔަ ނުދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަކީވެސް އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމަޢުގެ އަޅާލުމާއި މުޖުތަމަޢުގެ ބައިވެރިވުން ލިބިގެން ބޮޑުވާ ކުއްޖަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގައި މުޖުތަމަޢުގެ އެއްބާރުލުންވެސް ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މާލެ ސަރަޙައްދުގައި އޮތް ތޮއްޖެހިފައިވާ ދިރިއުޅުމާ ދުރަށް ހިތްފަސޭހަ މާޙައުލެއްގައި އުޅުމުގެ ފުރުސަތު އެކުދިންނަށްވެސް އޮންނަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މުޖުތަމަޢުގެ ބައިވެރިވުން ލިބޭނެފަދަ މާޙައުލެއް އެކުދިންނަށް ޤާއިމުކޮށްދިނުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަމާން ހިޔާތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޤަބޫލުކުރަނީ ކުދިންނަށް ބޭނުންވާ އެންމެ ބޮޑު އަޅާލުމެއް ޢާއިލާތެރެއިން ލިބޭއިރު މުޖުތަމަޢުއަކީވެސް ކުއްޖާގެ ހެދި ބޮޑުވުމުގައި މުހިއްމު ބައެއްކަމަށްވަނީ. އެހެންކަމުން ކުދިން ބަންދުކޮށްގެން ނުއެއް ގެންގުޅެވޭނެ. އެކުދިންނަށް މުޖުތަމަޢު ތެރެއިން ދަސްވާންޖެހޭ މުހިއްމު ކަންކަންވެސް އެބަހުރޭ. އެމިސްރާބަށް ސަރުކާރުން އެޅި ފުރަތަމަ ފިޔަވަޅުކަމަށް އަޅުގަނޑު ޤަބޫލުކުރަނީ އޭދަފުށީގެ އަމާންވެއްޓަކީ" މިނިސްޓަރ ވިދާޅުވިއެވެ.
ވިލިމާލޭގައި ހުރި ފިޔަވަތީގައި ތިބި ކުދިންގެ ތެރެއިން 17 ކުއްޖަކުވަނީ ބ.އޭދަފުށީގައި ޤާއިމުކޮށްފައިވާ "އަމާން ވެށި"އަށް ބަދަލުކޮށްފައެވެ. ޖެންޑަރ މިނިސްޓްރީން ޓްރާންސް މޯލްޑިވިއަންގެ އެހީގައި މިކުދިން އަމާން ވެއްޓަށް ބަދަލުކޮށްފައިވަނީ ޓީއެމްއޭގެ ސީޕްލޭންތަކުގައެވެ. އެރަށުގެ އަމާންވެއްޓަށް ކުދިން ބަދަލުކުރުމުގެ މަސައްކަތްކޮށްފައިވަނީ ސީދާ މިނިސްޓަރގެ ބެއްލެވުމުގެ ދަށުން ޖެންޑަރ މިނިސްޓްރީގެ ޓީމުތަކާއެކުގައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބައިތިއްބާ 2 މަރުކަޒު ވިލިމާލެއާއި ހުޅުމާލޭގައި ހުންނައިރު މިދެތަން ޚާއްސަވެފައި ވަނީ ދެ ޢުމުރުފުރައިގެ ކުދިންނަށެވެ. އެގޮތުން 9 އަހަރުން ދަށުގެ ކުދިން ހުޅުމާލޭ ފިޔަވަތީގައި ތިބޭއިރު އެއަށްވުރެ ބޮޑު ކުދިން ބަލަހައްޓަނީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގައެވެ. މީގެ ސަބަބުން އެއް ޢާއިލާއަކަށް ނިސްބަތްވާ ކުދިން ވަކިކުރަންޖެހޭ ޙާލަތްތައް މެދުވެރިވާތީ އެކަމަށް ޙައްލެއް ގެނެސްދިނުމަށް ޖެންޑަރ މިނިސްޓްރީން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އަލަށް ރާއްޖޭގެ 5 ސަރަޙައްދުގައި ޤާއިމުކުރާ އަމާން ހިޔާތަކުގައި މިކަމަށް އިސްކަންދީގެން ކަންކަން އިންތިޒާމުކުރާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރުވެސް 200 އަށްވުރެ ގިނަ ކުދިން ދަނީ ބަލަހައްޓަމުންނެވެ. މީގެ ތެރޭގައި އެއް ޢާއިލާއަކަށް ނިސްބަތްވާ ކުދިންވެސް ހިމެނެއެވެ.