ޚަބަރު

ޓްރާންސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރަށް ތުހުމަތުވާ މައްސަލައިގެ ތަފްސީލު ހޯދަން މައުމޫން އެދިވަޑައިގެންފި


އެމްއާރުއެމްއަށް ނިސްބަތްވާ ޑެޕިއުޓީ މިނިސްޓަރަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލައިގެ ތަފްސީލު ޚިއްސާކޮށްދެއްވުމަށް އެމްއާރުއެމްގެ ރައީސް، ރައީސް މައުމޫން އަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.

ރައީސް މައުމޫން މިކަމަށް އެދިވަޑައިގެންފައި މިވަނީ، އެމަނިކުފާނުގެ އެމްއާރުއެމްގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ޝިމާޒް އަލީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަކުރާކަމަށް ބުނެ ނެޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވާހަކަފުޅުދެއްކެވުމާ ގުޅިގެނެވެ.

ރައީސް މައުމޫނަށް ޓެގްކޮށް ޒަރިޔަންދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ އެމްއާރުއެމްއަށް ނިސްބަތްވާ ފިރިހެން ޑެޕިއުޓީ މިނިސްޓަރުގެ އަމަލުތަކުން، ދައުލަތުގެ ޤަވާއިދުތަކަށް ގޮންޖަހައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަންކުރާކަމަށެވެ. އަދި ކޮރަޕްޝަން ހިންގަވާކަމަށް ތުހުމަތުވާ ޑެޕިއުޓީ މިނިސްޓަރާމެދު ގޮތެއް ނިންމަވާދެއްވުމަށް ޒަރިޔަންދު އެދިވަޑައިގަތެވެ.

ޒަރިޔަންދުގެ ޓްވީޓަށް ޖަވާބުދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގަތީ، ކޮރަޕްޝަންގެ އަމަލު ހިންގެވިކަމަށް ބުނާ މައްސަލައިގެ ތަފްސީލް އެމްއާރުއެމްގެ އޮފީހަށް ފޮނުވައިދެއްވުމަށެވެ. އެކަމާ ގުޅޭގޮތުން އިތުރަށް ރައީސް މައުމޫން ވާހަކަފުޅުދައްކަވާފައެއް ނުވެއެވެ. ނަމަވެސް މީގެކުރިން އެމްއާރުއެމްއަށް ނިސްބަތްވާ ބޭފުޅުންގެ މިފަދަ މައްސަލަތަކުގައި އެމްއާރުއެމްއިން ވަނީ، އެފަދަ ތުހުމަތުތައް ކުރެވޭ ފަރާތްތައް ޕާޓީން ސަސްޕެންޑްކޮށްފައެވެ.

ކޮރަޕްޝަންގެ އަމަލުތައް ހިންގެވިކަމަށް ބުނާ މައްސަލައިގެ ތަފްސީލު ފޮނުވައިދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގަތުމުން، ޒަރިޔަންދު ވިދާޅުވީ މިހަފްތާ ބަންދުގައި އެކަމާ ގުޅޭ ރިޕޯޓެއް ތައްޔާރުކުރެއްވުމަށްފަހު އެމްއާރުއެމްގެ އޮފީހަށް ފޮނުވައިދެއްވާނެކަމަށެވެ.

އެމްއާރުއެމްގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ޝިމާޒްއަށް އަލީއަށް ތުހުމަތުކުރަނީ ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ނިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިންކަމަށް ބުނެއެވެ. އެމަސައްކަތް 68 މިލިއަން ރުފިޔާއަށް ވަސާޖިއޯއާ ހަވާލުކޮށްފައިވަނީ، އެމަސައްކަތްކުރަން އެންމެ އަގުހެޔޮކޮށް ހުށަހެޅި ކުންފުނީގެ ބީލަން ބާތިލުކުރުމަށްފަހުއެވެ. ޝިމާޒް ރިޔާސަތު ބަލަހައްޓަވާ ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީން އެންމެ އަގުހެޔޮކޮށް ބީލަން ހުށަހެޅި ކުންފުނީގެ ބީލަން ބާތިލުކުރީ ބީލަމުގައި ހިމަނަންޖެހޭކަމަށް އިއުލާންގައި ބުނެފައި ނެތް ލިޔުމެއް ހުށަހަޅާފައިނުވާކަމަށް ބުނެއެވެ.

މިމައްސަލައިގައި ތުހުމަތުކުރެވޭ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީ ވަނީ އޭނާއަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި މިއީ ސިޔާސީ ގޮތުން އަބުރު ކަތިލުމަށް ބަޔަކު ކުރާ ތުހުމަތުތަކެއްކަމަށާއި، ބީލަން ހަވާލުކުރި ކުންފުންޏާއި އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެކަމަށްވެސް ޝިމާޒް ވިދާޅުވިއެވެ.

މިމައްސަލަ ފިނޭންސް މިނިސްޓްރީގެ ބިޑް ރެވިއު ކޮމިޓީއާއި އެޓާރނީ ޖެނަރަލްގެ އޮފީހުންވެސް ބެލިއެވެ. އަދި ޓްރާންސްޕޯޓު މިނިސްޓްރީން ވަސާޖިއޯއާ އެމަސައްކަތް ހަވާލުކުރީ ގޯސްކޮށްކަމަށް ކަނޑައަޅައި، އެ ބީލަން އަލުން ކުރިއަށްގެންދިއުމަށް ފިނޭންސް މިނިސްޓްރީގެ ފިނޭންސް މިނިސްޓްރީން ވަނީ ޓްރާންސްޕޯޓަށް އަންގާފައެވެ. އަދި މިމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް މިހާރު ދަނީ ތަހުޤީޤްކުރަމުންނެވެ.