ޚަބަރު

20 މީހަކަށް ރައީސް ޓްރަންޕު ރިޔާސީ މަޢާފު ދެއްވައިފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު 20 މީހަކަށް ރިޔާސީ މަޢާފު ދެއްވައިފިއެވެ.

ރައީސް ޓްރަންޕު މަޢާފުދެއްވި ބޭފުޅުންގެ ތެރޭގައި އެމަނިކުފާނުގެ 2016ވަނަ އަހަރުގެ ކެންޕެއިނުގައި މަސައްކަތްކުރެއްވި ޖޯޖު ޕަޕަޑަޕޮލުސްއާއި ޤާނޫނީ ވަކީލު އެލެކްސް ވެން ޑަރ ޒްވާންވެސް ހިމެނެއެވެ. އެ ދެ މީހުންނަކީވެސް އެމެރިކާގެ ޖާސޫސީ އިދާރާ، އެފްބީއައިއަށް ރައީސްގެ 2016 ވަނަ އަހަރުގެ ކެންޕޭނާއި ގުޅޭގޮތުން އޮޅުވާލައި ދޮގު މަޢުލޫމާތު ދީފައިވާ ދެ މީހުންނެވެ.

އޭގެ އިތުރުން 2007ވަނަ އަހަރު ޢިރާޤުގައި ހިނގި ލޭ އޮހޮރުވުމަކާއި ގުޅުންހުރި ހަތަރު ސަލާމަތީ ފާރަވެރިންނާއި ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ ދެ މެންބަރުންވެސް ރައީސް ޓްރަންޕު އެންމެ ފަހުން މަޢާފު ދެއްވި މީހުންގެ ތެރޭގައި ހިމެނެއެވެ. އަންނަ މަހުގެ 20ވަނަ ދުވަހުގައި އެމެރިކާގެ ވެރިކަމާއި އަލްވަދާއު ކިޔުއްވުމުގެ ކުރިން އިތުރު ބޭފުޅުންނަށް ރައީސް ޓްރަންޕު ރިޔާސީ މަޢާފު ދެއްވާނެކަމަށް ބެލެވެއެވެ.

ޖޯޖް ޕަޕަޑޮޕޮލުސްއާއި އެލެކްސް ވެން ޑަރ ޒްވާންވަނީ މީގެ ކުރިން ޖަލު ހުކުމެއް ފުރިހަމަކޮށްފައެވެ. ޓްރަންޕު ދެއްވި ރިޔާސީ މަޢާފުގެ ސަބަބުން އެ މީހުންގެ ރެކޯޑުން އެކަން ފޮހެވޭނެއެވެ. 2017ވަނަ އަހަރުގައި ޕަޕަޑަޕޮލުސްވަނީ 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި ގުޅިގެން ރަޝިޔާގެ ފަރާތްތަކަކާއި ބައްދަލުކުރި ތާރީޚާއި ގުޅޭގޮތުން އެފްބީއައިއަށް އޮޅުވާލާފައެވެ. އޭނާއަކީ ރައީސް ޓްރަންޕުގެ އަރިސް ބޭފުޅުންގެ ތެރެއިން، އިންތިޚާބާއި ރަޝިޔާއާއިމެދު އޮތް ގުޅުން ތަހުޤީޤުކުރެއްވި ސްޕެޝަލް ކައުންސެލް ރޮބާޓް މުލާގެ ތަހުޤީޤުގައި ފުރަތަމަ ހައްތަރު ކުރި ފަރާތެވެ. ރައީސް ޓްރަންޕު އޭނާއަށް މަޢާފު ދެއްވުމުން އެކަމަށް ޝުކުރު ޢަދާކޮށް ޕަޕަޑަޕޮލުސްވަނީ ޓްވިޓާގައި މެސެޖެއް ލިޔެފައެވެ. މުލާ ތަހުޤީޤަށް ދޮގު މަޢުލޫމާތު ދީފައިވާކަމަށް ވެން ޑާރ ޒްވާންވެސްވަނީ އެއްބަސްވެފައެވެ. މީގެ ކުރިން ޓްރަންޕުވަނީ މުލާ ތަހުޤީޤަކީ އެއްވެސް ތާކުން ތާކު ނުޖެހޭ، އަސާސެއް ނެތް ތަހުޤީޤެއްކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ޖޯޖް ޕަޕަޑޮޕޮލުސްއާއި އެލެކްސް ވެން ޑަރ ޒްވާންއަށް ރިޔާސީ މަޢާފު ދިނުމަށްފަހު، އެމެރިކާގެ ރިޔާސީ އިދާރާ ވައިޓް ހައުސުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޓްރަންޕު ދެއްވި މަޢާފުގެ ސަބަބުން މުލާ ތަހުޤީޤުގައި ގެއްލުން ލިބުނު އެތައް ބަޔަކަށް ލިބުނު ހިތްދަތިކަން ރަނގަޅުކުރުމަށް ފުރުޞަތު ލިބިފައިވާކަމަށެވެ.

ރައީސް ޓްރަންޕު މަޢާފު ދެއްވާފައިވާ ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ ދެ މެންބަރުންނަކީ ކްރިސް ކޮލިންސާއި ޑަންކަން ހަންޓާއެވެ. ނިއުޔޯކުގެ ކުރީގެ މެންބަރު އަދި ރައީސް ޓްރަންޕުގެ ބޮޑު ސަޕޯޓަރެއްކަމަށްވާ ކްރިސް ކޮލިންސްދަނީ 2019ވަނަ އަހަރުގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރުމުގެ ކުށުގައި 26 މަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. މި އަހަރުގެ ކުރީކޮޅުގައި ކެލިފޯނިއާގެ ކުރީގެ މެންބަރު، ހަންޓާރވަނީ ކެންޕެއިނު ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައި 11 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

އަސްކަރީ ޚިދުމަތްތައް ފޯރުކޮށްދޭ އަމިއްލަ ކުންފުންޏެއްކަމަށްވާ ބްލެކްވޯޓާގެ ހަތަރު ފާރަވެރިއަކަށްވެސް ޓްރަންޕުވަނީ މަޢާފުދެއްވާފައެވެ. އެއީ ނިކޮލަސް ސްލަޓެން، ޕޯލް ސްލޯހް، އީވަން ލިބަޓީ އަދި ޑަސްޓިން ހާޑެވެ. ހަތަރު މީހުންނަކީވެސް 2007ވަނަ އަހަރުގައި ޢިރާޤުގެ 14 ރައްޔިތުން މަރާލުމުގެ ކުށް އެމީހުންނާއި ދެކޮޅަށް މީގެ ހަ އަހަތު ކުރިން ސާބިތުވެފައިވާ ހަތަރު މީހުންނެވެ. 2007ވަނަ އަހަރުގެ ހާދިޡާއާއި ގުޅިގެން ބައިނަލްއަޤްވާމީ ދުނިޔެއިންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފައުޅުކޮށްފައެވެ.

މިދިޔަ މަހުގެ ތެރޭގައި ރައީސް ޓްރަންޕުވަނީ އެމަނިކުފާނުގެ ޤައުމީ ސަލާމަތާއިބެހޭ ކުރީގެ މުޝީރު، މައިކަލް ފްލިންއަށްވެސް މަޢާފު ދެއްވާފައެވެ. އޭނާވެސްވަނީ އެފްބީއައިއަށް ދޮގު ހަދާފައިވާކަމަށް އެއްބަސްވެފައެވެ. ނަމަވެސް ޓްރަންޕުގެ ކުރިން ފަހުގެ ތާރީޚުގައި އެމެރިކާގެ ވެރިކަން ކުރެއްވި ބޭފުޅުންނަށްވުރެ ރިޔާސީ މަޢާފު ދިނުމުގެ ބާރު ޓްރަންޕު ބޭނުންކުރައްވާ މިންވަރު މަދުކަމަށް ބައެއް ދިރާސާތަކުންވަނީ ފާހަގަވެފައެވެ.

ރައީސް ޓްރަންޕުގެ ކުރިން ވެރިކަމުގައި ހުންނެވި ބަރަކް އޮބާމާވަނީ 212 މީހުންނަށް ރިޔާސީ މަޢާފު ދެއްވާ 1،715 މީހުންގެ އަދަބު ލުއި ކޮށްދެއްވާފައެވެ. އެއީ 1940އާއި 1950ގެ އަހަރުތަކުގައި ކުރީގެ ރައީސް ހެރީ ޓްރޫމަން ދެއްވި މަޢާފުތަކަށްފަހު މިހާތަނަށް ރައީސަކު މަޢާފު ދެއްވާފައިވާ އެންމެ ގިނަ ޢަދަދެވެ. އެއާއި އަޅާބަލާއިރު ރައީސް ޓްރަންޕު މިހާތަނަށް ދެއްވާފައިވަނީ 40 ރިޔާސީ މަޢާފެވެ. ނަމަވެސް ރައީސް ޓްރަންޕު މަޢާފު ދެއްވުމަށް ނިންމަވާފައިވާ ބޭފުޅުންނާއި ގުޅުންހުރި ދާއިރާތަކުގެ ސަބަބުން ގިނަ ބައެއްގެ ހިތުގައިވަނީ ހިތްހަމަނުޖެހުން އުފެދިފައެވެ. އެމަނިކުފާނު މަޢާފު ދެއްވޭ ގިނަ ބޭފުޅުންނަކީ އެމަނިކުފާނާއި ގާތް ރައްޓެހިން ނުވަތަ ސިޔާސީ ގުޅުމެއް އޮންނަ މީހުންކަމަށް ޖުލައި މަހުގެ ތެރޭގައި ކުރި ދިރާސާއަކުންވަނީ ދައްކާފައެވެ.