ޚަބަރު

ޖެނެރަލް ޝިޔާމްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި


ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ ޢިމާރާތުގައި 2017ވަނަ އަހަރުން ފެށިގެން ކުރީގެ ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނަރަލް އަޙްމަދު ޝިޔާމްގެ ބައްޕަ ދިރިއުޅުއްވަމުން ދިޔަކަމަށް ބުނާ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަޙުޤީޤުކޮށް ނިންމައި ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ޖެނެރަލް ޝިޔާމުގެ މައްޗަށް ދަޢުވާކުރަން ފޮނުވާފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމާއި ރަސްމީ ޙައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން އޭގެފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ތުހުމަތުގައެވެ.

މިމައްސަލައަކީ އޭސީސީން ކުރިން ބަލައި ކޮރަޕްޝަނެއް ނެތްކަމަށް ނިންމާފައި އޮތް މައްސަލައެކެވެ. މިމައްސަލަ އަލުން ބެލީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އެދިވަޑައިގަތުމަށެވެ.

މައްސަލަ އަލުން ބެއްލެވުމަށްފަހު އޭސީސީން ވިދާޅުވީ، 18 ޖުލައި 2017އިން ފެށިގެން 11 ޑިސެމްބަރ 2018ގެ ނިޔަލަށް، ޖެނަރަލް ޝިޔާމްގެ ބައްޕަ ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ ޢިމާރާތުގައި ދިރިއުޅެފައިވާކަމަށާ، އަދި ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމްއެންޑީއެފްގައި ކުރިން މަސައްކަތްކުރި މީހަކުވެސް އެގޭގައި ދިރިއުޅެފައިވާކަން ތަޙުޤީޤަށް ހާމަވެފައިވާކަމަށެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަޢުލޫމާތުދެއްވިގޮތުގައި އެކޮމިޝަނުގެ ތަޙުޤީޤަށް އެނގިފައިވާގޮތުގައި އެގޭގައި ޝިޔާމްގެ ބައްޕަ ދިރިއުޅުއްވާފައިވަނީ ޝިޔާމް އަންގަވައިގެންނެވެ. އެހެންނަމަވެސްް ޝިޔާމްގެ ބައްޕަ ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުން ހުއްދަކުރާ ޤާނޫނެއް ނުވަތަ އުސޫލެއް ނެތްކަމަށްވެސް އޭސީސީއިން މައުލޫމާތު ދެއްވައެވެ.

ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ޚިދުމަތްތަކަށް އަންނަ ޚާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ އިމާރާތެކެވެ. މިގޮތުން ދައުލަތުގެ މާލިއްޔާއިން ޚަރަދުކުރާ ތަނެއްގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުން ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެތަނުގެ ވަސީލަތްތައް އެ ފަރާތްތަކުގެ އަމިއްލަ ބޭނުމަށް ބޭނުން ކުރުމަކީ ގަވާއިދު ހުއްދަކުރާކަމެއް ނޫނެވެ.