ޚަބަރު

ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މިއަދުވެސް މޫސުން ގޯސްވާނެ


ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެެެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވާރެވެހޭނެކަމަށާއި ދެކުނުގެ ހިސާބުތަކަށްވެސް ކެރީގެ އަސަރު ފޯރާނެކަމަށްވަނީ ލަފާކޮށްފައެވެ.

އާއްމުކޮށް ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން 10މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40މޭލަށް ވައިގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި މިއަދު ރާޅުގެ އުސްމިން އުޅޭނީ 3 ފޫޓާއި 5ފޫޓުގައި ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ދުވަސްވަރާއި ދިމާކޮށް ކުރަމުންދާ ވިއްސާރައެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ. މޫސުން ގޯސްވުމާއި ގުޅިގެން މިއަދު ހެނދުނު، ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކަށް ވައިޓް އެލަރޓްވެސް ނެރެފައިވެއެވެ.