ހުވަދު އަތޮޅަކީ ވިޔަފާރިވެރިންގެ ހަބެއްގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން އޮތް އަތޮޅެކެވެ. ރާއްޖޭގެ ނިސްބަތުން ތަރައްޤީވެފައި އޮތް އަތޮޅެކެވެ. އެހެންނަމަވެސް ދިމާވި ހިތާމަވެރި ޙާދިސާއަކަށްފަހު މިއަތޮޅު ތަރައްޤީގެ ލިސްޓުން އުވިގެންދިޔައީއެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު މަސައްކަތްކުރަމުން ގެންދަވަނީ މިސަރަޙައްދަކީ ދެކުނުގައި އަދި ރާއްޖޭގައިވެސް މުހިއްމު ވިޔަފާރީގެ މުހިއްމު ހިސާބަކަށް ހެދުމެވެ.
އިންޑިއާގެ ޓުޓިކޮރެންއިން ރާއްޖެއަށް މިހާރު މުދަލާއެކު 3 ދަތުރުކޮށްފައިވާއިރު މީގެ ތެރެއިން 2 ދަތުރަކީ ރާއްޖޭގެ ދެކުނަށް ކުރި ދެ ދަތުރެވެ. އައްޑޫ ސިޓީއަށާއި ގދ.ތިނަދޫއަށެވެ. އުތުރާ ދެކުނުން ދެ ސަރަޙައްދަށްފަހު ތިންވަނަ މަންޒިލަކަށް ތިނަދޫ ވެގެން ދިޔައީ ސަބަބުތަކާއެކުގައެވެ. ތިނަދޫގައި ޒާމާންތަކެއް ވަންދެން އޮތް ވިޔަފާރިތައް މިއަދު ފެންނަން ނެތްނަމަވެސް އެއީ އެފަސްގަނޑަށް އާކަމެއް ނޫންކަމުގައި ސަރުކާރުން ވިދާޅުވެއެވެ.
ތިނަދޫއަށް ބަނދަރުކުރި އެމްވީ ބޮންތި-2 އަށް މަރުޙަބާކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ ހުވަދު އަތޮޅަކީ ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ވިޔަފާރިކުރަމުން އައި ގިނަ ވިޔަފާރިވެރިންތަކެއް އުފެއްދި ތަނެއްކަމަށެވެ.
"ހުވަދޫގައި ކުރި ވިޔަފާރި ވަރަށް ގިނަ ޒަމާން ވަންދެން މިކަންމިވަނީ ހުއްޓިގެން ގޮސްފައި. އެހެންނަމަވެސް އަޅުގަނޑުމެން މިއަދު އަމާޒު ހިފާފައި މިވަނީ އަލުން އަނބުރާ އެދުވަސް ގެނަން. އަނބުރާ ހުވަދޫ އަތޮޅަކީ ވިޔަފާރީގެ ހަބެއްކަމުގައި ހަދަން."
ދެކުނުގެ ވިޔަފާރީގެ ތަރައްޤީގައި ތިނަދޫ ޚާއްސަކުރުމަށް ސަރުކާރުން ނިންމެވީ އެއީ ރަށް އޮތް ސަރަޙައްދުގެ ގޮތުންނާއި ފަތުރުވެރިކަމުގެ ސިނާޢަތަށް ހުވަދޫ ހުޅުވާލާއިރު އެކަމަށްވެސް ފަހިވާނޭ ފުރުސަތުތައް ހުރި ރަށަކަށް ތިނަދޫވާތީކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި އަމްރު ވިދާޅުވީ އިންޑިއާއާއި ތިނަދޫއާއި ދެމެދު ފެށިގެންދިޔަ ވިޔަފާރީގެ ދަތުރުތަކާއެކު ހުވަދޫގެ ފަންސާސް ހާސް ރައްޔިތުންނާއި އިންޑިއާގެ 1.3 ބިލިއަން މީހުންނާ ގުޅާލެވުނީކަމަށެވެ. އަދި އިންޑިއާ ފަދަ ގިނަ ބާވަތުގެ މުދާ އުފައްދާ ޤައުމަކާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަވުމުގެ ސަބަބުން ހުވަދޫގެ ވިޔަފާރިތައް ފުޅާވެގެންދާނެކަމަށްވެސް އަމްރު ވިދާޅުވިއެވެ.
"މި ދަތުރުތަކާއެކު ހުވަދޫގެ ވިޔަފާރިވެރިންނަށް ވަރަށް ގިނަ މަންފާތަކެއް ލިބިގެންދާނެ. ކާގޯ ގެނައުމުގަ އަގުހެޔޮ ވެގެން އެބަދޭ. ބޭނުންވާ ދުވަހަށް ބޭނުންވާ މުދާ ބަރާބަރަށް ލިބެމުންދާނެ." އަމްރު ވިދާޅުވިއެވެ.
އިންޑިއާއާއި ހުވަދޫއާ ދެމެދު ފެށިގެން ދިޔަ ކާގޯ ދަތުރުތަކާއެކު ތިނަދޫގައި ޕޯޓެއް ތަރައްޤީކޮށް ދަތުރުތައް އިތުރަށް ފުޅާކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. ދަތުރުތަކާއި މިޕޯޓާއެކު ގިނަ ވަޒީފާތަކެއް އުފެދި ހުވަދޫ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ އިތުރުން މިސަރަޙައްދުގައި ތަރައްޤީކުރުމަށް މަސައްކަތްކުރަމުން އަންނަ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް މިކަމުގެ ސަބަބުން ފައިދާ ކުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.