ޚަބަރު

ސިފައިންގެ ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް ގިރިފުއްޓާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި


ސިފައިންގެ ޚާއްސަ އަސްކަރީ ތަމްރީންތަކެއް ކ. ގިރިފުއްޓާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިމަހު ފަހުކޮޅު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފުން ވިދާޅުވީ، ގިރިފުށީގައި ކުރިއަށްދާ އަސްކަރީ ތަމްރީންތައް އޮންނާނީ މިމަހުގެ 28 އިން 30 ގެ ނިޔަލަށް ކަމަށެވެ. މި 3 ދުވަހުގެ 18:30 އިން 21:00 އަށް ކުރިއަށްގެންދާ މި ތަމްރީނުތަކުގައި ހަތިޔާރު ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

އެގޮތުން ގިރިފުށީގައި ކުރިއަށްދާ ތަމްރީންތަކުގައި ހަތިޔާރުގެގޮތުގައި ބޭނުންކުރާނީ އޭކޭ ސީރީޒް ރައިފަލްކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. މި ތަމްރީންގައި 4100 މީޓަރުގެ ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، ކަނޑުގެ ސަތަޙައިން ފެށިގެން 100 މީޓަރު އުސްމިނުގެ ސަރަޙައްދެއް ބޭނުންކުރާނެއެވެ. ވައިގެ ސަރަޙައްދު ބޭނުންކުރާނީ ގިރިފުށީ ރޭންޖުން ހުޅަނގު ދެކުނަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީންތައް އޮންނާނީ މިމަހުގެ 27 އިން 29 އަށެވެ. އަދި މި ތަމްރީނުގައި ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށްވެސް ހަމަޖެހިފައިވާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

ދިވެހި ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ ތަފާތު ހަރަކާތްތަކުގެ ތެރެއިން މިމަހުގެ ކުރީކޮޅުގައިވެސް އެމް.އެން.ޑީ.އެފުން ވަނީ ޚާއްސަ ތަމްރީން ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.