ޚަބަރު

އަންނަ އަހަރު ނިމުމުގެ ކުރިން ކްލަބްތަކަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހަމަޖެހޭނެ- ބައްސާމް


މިއަންނަ އަހަރު ނިމުމުގެ ކުރިން ކުލަބްތަކަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ފަހިވެގެންދާނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ދެވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސްކަމަށް ބައްސާމް އަލީލް ޖަލީލް ކުރިމަތިލީއިރު އެންމެ މުހިންމު އެއް ވައުދަކަށްވީ ކުލަބްތަކަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދައިދީ، ކުލަބްތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތް ކޮށްދެއްވުމެވެ. މިވައުދާ އެއްގޮތަށް ފުރަތަމަ ޑިވިޝަންގެ ކުލަބްތަކާއި ދެވަނަ ޑިވިޝަންގެ ކުލަބްތަކަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް މިހާރު ރޭވިފައިވާކަމަށް ބައްސާމް ވިދާޅުވިއެވެ. އެގޮތުން ވިލިމާލޭގައި އެފްއޭއެމްއިން އަޅާ އިމާރާތުގެ ތެރެއިން ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބްއަަކަށް 2 ރޫޫމްގެ އެޕާޓްމަންޓްއެއް ދިނުމަށް ހަމަޖެހިފައިވާކަމަށާއި މިތަން ބޭނުން ކުރެވިގެންދާނީ ކުލަބްތަކަށް އާމްދަނީ ހޯދުމަށްކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. އަދި މާލޭގެ ޓާފް ދަނޑުގައި އަޅާ އެފްއޭއެމްގެ އާ އިމާރާތުގެ ޓެރެސްގައި ހަދާ ފުޑް ކޯޓްތަައްވެސް ދޫކުރުމަށް ނިންމާފައިވަނީ ފުރަތަމަ ޑިވިޝަންގެ ކުލަބްތަކަށްކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ފުރަތަމަ ޑިވިޝަންގެ ކުލަބްތަކުގެ އިތުރުން ދެވަނަ ޑިވިޝަންގެ ކުލަބްތަކަށްވެސް އާމްދަނީ ހޯދޭނެ ގޮތްތަކެއް އެފްއޭއެމްއިން ރާވަމުންދާކަމަށް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ކްލަބްތަކަށް އާމްދަނީ ހޯދައިދިނުމަށް ޤާއިމްކުރާ ތަންތަން އަންނަ އަހަރުގެ ކުރީކޮޅުގައި ކުލަބްތަކާއި ހަވާލު ކުރެވޭނެކަމަށެ. އަދި އަންނަ އަހަރު ނިމުމުގެ ކުރިން ކުލަބްތަކަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް އުއްމީދުކުރާކަމަށްވެސް ބާއްސާމް ވިދާޅުވިއެވެ.