ޚަބަރު

"ރެދަން"ގެ ބެބުޅުމާއެކު ޖެލީ ފިޝް - ސަމާލުވޭ!


ފާއިތުވީ ދެތިން ދުވަހު ޢާއްމުންގެ އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ހުޅުމާލޭގެ ގޮނޑު ދޮށުގައި ރޭގަނޑު އާދަޔާ ޚިލާފަަށް ރެދަންލައި ދިއްލޭ ދިއްލުމަށެވެ. މުޅި ސޯޝަލް މީޑީއާގެ ހުރިހާ ޕްލެޓްފޯމުތަކެއްވެސް އޮތީ ރެދަންލުމުގެ ފޮޓޯތަކާއި ވީޑިއޯތަކުން ފުރާލާފައެވެ.

ރާއްޖެގެ އެކި ރަށްރަށާއި ރިސޯޓުތަކުގެ ގޮނޑުދޮށާއި ރާޅުޖަހާ ހިސާބު މޫދުގައި ރެދަންލުމަކީ ބައެއް ދުވަސްވަރުގައި ވާކަމެކެވެ. އެހެންނަމަވެސް ބައިބޯ މާލެ ސަރަޙައްދުގައި މިހެން ރެދަންލާފައި ހުންނާތީ ޢާއްމުކޮށް ނުފެނެއެވެ. ޢާމުންގެ ސަމާލުކަން މިކަމަށް މިހާބޮޑުވެގެން މިއުޅެނީވެސް މިހެންވެގެންނެވެ.

މާލެއާއި ވިލިމާލެއިން އެތައްބަޔަކު ހުޅުމާލޭ ގޮނޑުދޮށަށް ރެދަން ބަލާލުމަށް މިދެތިން ދުވަހު ޖަމާވިއެވެ. ގިނަ ބަޔަކު ރެދަން ބަލަން ގޮސް އުފަލާ މަޖަލުގައި ރެދަންގަނޑުގެމަތީގައި ދުވެކުޅެ ހަދައި އޭގައި އަތްލައި އުޅޭތީ ފެނެއެވެ.

އެހެންނަމަވެސް މިކަމުގައި ސަމާލުވާންވީ މުހިންމު ކަމެއް އެބައޮތެވެ. ރެދަނާއެކު ޖެލީ ފިޝް އުޅޭ މިންވަރު މިދުވަސްވަރު ވަނީ އިތުރުވެފައެވެ. ހުޅުމާލޭ ގޮނޑު ދޮށާއި މޫދުން މިފަދަ ތަކެތި ދަނީ މިހާރު ފެންނަމުންނެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވިގޮތުގައި މި ދުވަސްވަރު ހުޅުމާލެއިން ފެންނަމުން ދަނީ ބްލޫ ބޮޓްލް އަދި ބްލޫ ބަޓަން ކިޔާ ޖެލީ ފިޝްގެ ބާވަތްކަމަށް މަޢުލޫމާތުލިބެއެވެ.

މިވައްތަރުގެ ޖެލީފިޝްއަކީ ވިހަގަދަ އެއްޗެއް ނޫންނެވެ. އެހެންނަމަވެސް އެތަކެތި ގައިގައި ޖެހިއްޖެނަމަ ގައި ކަހުމާއި ހިރުވުމާއި ބައެއްފަހަރު އޭގެސަބަބުން ހުން އައިސް ޝޮކް ޖެހުންފަދަ ކަންކަން ކުރިމަތިވުމުގެ ފުރުސަތު އޮންނަކަމަށް މާހިރުން ވިދާޅުވެއެވެ. އެޗްޑީސީން ވަނީ ހުޅުމާލޭގެ މޫދަށް އެރޭ މީހުންނަށާއި ޚާއްސަކޮށް ޢުމުރުން ދުވަސްވީ މީހުނާއި ކުޑަކުދިންނާއި އެކިކަންކަމަށް އެލާޖިކުވާ މީހުން މިކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.

ރާއްޖޭގެ ރަށްތަކުގައި ރެދަން ލުމަށް ފަހު ޖެލީ ފިޝް ފެނުމަކީ އައުކަމެއް ނޫނެވެ. މިގޮތަށް ދިމާވަނީ މޫސުން ބަދަލުވުމާއި އޮއިވަރަށް އަންނަ ބަދަލެއްގެ ސަބަބުންނެވެ.