މިދިޔަ 24 ގަޑިއިރުގެ ތޭރޭގައި ރާއްޖެއަށް 400 މިލިމީޓަރަށްވުރެ ގިނަ ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކައިފިއެވެ.
ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ޓްރަފެއްގެ ސަބަބުން މިއަދުވެސް ރާއްހޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މިގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ މާލެ ސަރަހައްދަށެވެ. މިގޮތުން މި ސަރަހައްދަށް 65 މިލިމީޓަރުގެ ވާރޭވަނީ ވެހިފައެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ ނ. މާފަރަށެވެ. އެރަށަށް 61.8 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. 50 މިލިމީޓަރަށް ވުރެ ގިނައި ވާރޭވެހުނު ރަށްތަކުގެ ގޮތުގައި ދެން ރެކޯޑްކުރެވިފައިވަނީ ވ. ރަކީދޫއާއި ފ ނިލަންދޫއެވެ. ވ ރަކީދޫއަށް 56.7 މިލިމީޓަރުގެ ވާރޭ އަދި ފ ނިލަންދޫއަށް 50.1 މިލިމީޓަރުގެ ވާރޭ އިއްޔެ ވަނީ ވެހިފައެވެ.
އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނު އަތޮޅުތަކުގެ ތެރޭގައި ބ އަތޮޅުވެސް ވަނީ ރެކޯޑްކުރެވިފައެވެ. އެއަތޮޅު ތުޅާދޫއަށް 43.4 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު އެއަރޕޯޓް އޮންނަ ދަރަވަންދޫއަށް 41 މިލިމީޓަރުގެ ވާރޭވެހުނުކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކައެވެ. މީގެއިތުރުން އދ. މާމިގިއްޔަށް 41.5 މިލިމީޓަރު އަދި މާލެ އަތޮޅު ދިއްފުއްޓަށް 37.7 މިލިމީޓަރުގެ ވާރޭ ވެހުކަމަށްވެސް ވަނީ ރެކޯޑްކުރެވިފައެވެ.
ރާއްޖޭގެ ހުރިހާ ސަރަހަދެއްގައިވެސް މިއަދު ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައެވެ. އަތޮޅުތަކުގެ ދިޔަވަރަށް ބަލާއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މިއަދު އެންމެ ދިޔަވަރު ބޮޑުވާނީ ފަތިހާއި ހެނދުނުގެ ވަގުތުތަކުގައެވެ.
މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ މި ޑިސެންބަރުމަހު ރާއްޖޭގެ އުތުރު އަތޮޅުތަކަށް ވެހޭ ވާރޭ އާންމުކޮށް މިދުވަސްވަރު ވެހޭ ވަރަށްވުރެ 10 އިންސައްތަ އިތުރުވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އާންމުކޮށް މިދުވަސްވަރު ވެހޭ ވަރުގެ އެހެން އަހަރުތަކުގެ ޑިސެމްބަރަށްވުރެ މިއަހަރު 10 އިންސައްތަ ދަށްވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ޑިސެންބަރުގައި ފިނިހޫނުމިން އާންމުކޮށް ހުންނަވަރަށް ވުރެ ތަންކޮޅެއް މިއަހަރު މަތި ވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.