ވިޔަފާރި

މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި 600 ކުންފުނި ބައިވެރިވާނެ


މިމަހުގެ
19ވަނަ ދުވަހު ޗައިނާގެ ބެއިޖިންގގައި ބާއްވާ ދެވަނަ އިންވެސްޓްމަންޓް
ފޯރަމްގައި ދިވެހި 200 އެއްހާ ކުންފުނި އަދި ބޭރުގެ 400 ކުންފުނިން ބައިވެރިވާނެކަމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް
ވިދާޅުވެއްޖެއެވެ.



މޯލްޑިވްސް
އިންވެސްޓްމަންޓް ފޯރަމާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން ރެޖިސްޓްރާ އޮފް
ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވީ ފޯރަމްގައި ބައިވެރިވާން ބޭނުންވާ
ފަރާތްތަކަށް ރެޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ ކުރި ހުރިހާ
ފަރާތަކަށް ފުރުސަތު ދީފައިވާނެ ކަމަށެވެ. ފޯރަމްގައި
ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހަމަވެފައިވަނީ މިމަހުގެ 5 ވަނަ
ދުވަހު. އަދި ރަޖިސްޓްރޭޝަން ކޮންފަރމޭޝަން މިހާރު އެހުރިހާ ފަރާތްތަކަށް
ދީފައިވާކަމަށް ވިސާމް ވިދާޅުވިއެވެ.



ވިސާމް
ވިދާޅުވީ މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމަށް ޗައިނާގެ ވަރަށް ގިނަ މީޑިއާތަކުން
ފުލް ކަވަރޭޖްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މިއަހަރުގެ
އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވާ ބޭރުގެ ކުންފުނިތަކުގެ ތެރޭގައި ގިނައީ އިރުމަތީ
އޭޝިޔާގެ ޤައުމުތަކުގެ ކުންފުނިތަކެވެ. އެގޮތުން ޗައިނާ ޑިވެލޮޕްމެންޓް ބޭންކާއި، ޗައިނާ ކޮންސްޓްރަކްޝަން ބޭންކުން މިފޯރަމްގައި ބައިވެރިވާނެ ކަމަށް ވިސާމް ވިދާޅުވިއެވެ. އަދި
ރާއްޖެއިން މިފޯރަމްގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން
ސިނާއަތް، ދަނޑުވެރިކަމުގެ ސިނާއަތް، އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ވެސް ހިމެނޭ ކަމަށް ވިސާމް ވިދާޅުވިއެވެ.



މި
އަހަރުގެ އިންވެސްޓްމަންޓް ފޯރަމްއާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އިކޮނޮމިކް
މިނިސްޓްރީގެ ޑިރެކްޓަރ، އަހުމަދު އައިމަން ވިދާޅުވީ މިއަހަރުގެ ފޯރަމް
ކުރިއަށްދާނީ ދެ ސެގްމަންޓަކަށް ބަހާލައިގެން ކަމަށާއި އެގޮތުން އެ ދެ
ސެގްމަންޓަކީ އެގްޒިބިޝަންގެ ބަޔަކާއި ފޯރަމްގެ ފޯމަލް ބައި ކަމަށެވެ.



ޗައިނާގައި ވައިބަރ ބޭނުން ކުރަން އެހާ ފަސޭހަ ނުވާނެތީ، ޗައިނާގައި ބައިވެރިވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވަނީ ވީ ޗެޓް ބޭނުންކޮށްގެން ކަމަށާއި، އެގޮތުން ވީ ޗެޓަށް ވަނުމަށް ކަންތައް ކުރަންޖެހޭގޮތް ހުރިހާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ހިއްސާ ކުރާނެ
ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.