ވިޔަފާރި

ކޯވިޑް-19 : ވިސާއާ ނުލައި ދިވެހިންނަށް ތައިލެންޑަށް ދެވޭނެ


ރާއްޖެ ހިމެނޭހެން 56 ޤައުމެއްގެ ރައްޔިތުންނަށް ވިސާ އަކާއި ނުލާ ތައިލެންޑަށް ދަތުރުކުރެވޭ އިންތިޒާމް އެޤައުމުން ހަމަޖައްސައިފިއެވެެ.

ކޯވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ތައިލެންޑުން ވަނީ އެޤައުމަށް އެތެރެވާ ފަތުރުވެރިން ވިސާ ނަގާގޮތަށް ހަމަޖައްސާފައެވެ. އެެހެންނަމަވެސް ވިސާ އަށް އެދޭ ފަރާތްތައް މަދުވުމުން، 56 ޤައުމަކުން ވިސާ އަކާއި ނުލާ އެޤައުމަށް ދެވޭ ގޮތް މިހާރު ވަނީ ހަމަޖައްސާފައެވެ.

މި ލިސްޓުގައި ރާއްޖޭގެ އިތުރުން، މެލޭޝިއާ، ތުރުކީ، އިނގިރޭސިވިލާތް، އެމެރިކާ އަދި ފްރާންސްއާއި އެހެނިހެން ޤައުމުތައް ހިމެނެއެވެ.

ވިސާއާ ނުލާ 56 ޤައުމެއްގެ މީހުންނަށް ތައިލަންޑަށް އެތެރެވެވޭނެ ގޮތް ހަމަޖައްސާފައިވާއިރު، އެޤައުމަށް އެތެރެވުމަށް 72 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓެއް ބޭނުންވެއެވެ. އަދި ކަނޑައަޅާ ތަނެއްގައި ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ.

ކޯވިޑް-19އާއި ގުޅިގެން ތައިލެންޑުގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ރާއްޖެއިން ތައިލެންޑަށް ވިސާ އާއި ނުލާ ދަތުރުކުރެވެއެވެ. މި ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެތެރޭގައެވެ. އަދި ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑަށް ދާ ދިވެހިންނަށް އެ ޤައުމުގައި ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަކަށް ތިބެވެއެވެ.