ވިޔަފާރި

ޤަތަރު އެއަރވޭސްއިން ރާއްޖެއަށް ތަޢާރަފްކުރި ސޭފް ޓްރެވަލް ބަބުލްގެ މުއްދަތު އިތުރުކޮށްފި


ޤަތަރު އެއަރވޭސްއިން ރާއްޖެއާއި ޤަތަރާއި ދެމެދު ތަޢާރަފްކޮށްފައިވާ ސޭފް ޓްރެވެލް ބަބުލްގެ މުއްދަތު އިތުރުކޮށްފިއެވެ.

ޤަތަރު އެއަރވޭސްއިން ހާމަކުރާގޮތުގައި ސޭފް ޓްރެވަލް ބަބުލްގެ މުއްދަތު އިތުރުކޮށްފައިވަނީ ފަތުރުވެރިންގެ މެދުގައި މި ޕެކޭޖަށް ބޮޑު ޑިމާންޑެއް އޮތުމުންނެވެ. ކުރިން މިޕެކޭޖުގެ ދަށުން ރާއްޖެއަށް ދަތުރު ކުރެވޭނީ 1 ޑިސެމްބަރާއި 7 ޖެނުއަރީ އާ ދެމެދުއެވެ. ނަމަވެސް މިހާރުވަނީ 31 ޖެނުއަރީ އާއި ހަމައަށް މުއްދަތު އިތުރުކޮށްފައެވެ. މި ޕެކޭޖްގެ ދަށުން ނަގާ ޓިކެޓު އަންނަ ފެބްރުއަރީމަހުގެ 5 ވަނަ ދުވަހުގެ ކުރިން ބޭނުންކުރަން ޖެހޭނެކަމަށް ޤަތަރު އެއަރވޭސްއިން ހާމަކުރެއެވެ.

ޤަތަރު އެއާވޭއިސްގެ ސޭފް ޓްރެވެލް ބަބުލްއަކީ ޤަތަރުގެ ރައްޔިތުންނާއި އެޤައުމުގެ ދިރިއުޅެމުންދާ މީހުންނަށް ހާއްސަ ޕެކޭޖެކެވެ. ޤަތަރު އެއާވޭސްއިން މައުލޫމާތުދިން ގޮތުގައި މިގޮތަށް އަންނަ ފަތުރުވެރިން ރާއްޖެ އަންނާނީ ކޯވިޑްއަށް ޓެސްޓު ކުރުމަށް ފަހުއެވެ. އަދި އަނބުރާ ޤައުމަށް ދިއުމަށްފަހު ރެޕިޑް ޕީސީއާރު ޓެސްޓެއް ހަދާނެއެވެ. މި ޓެސްޓުން ނަތީޖާ ނެގެޓިވްވާ ފަރާތްތައް އެޤައުމުގައި ކަރަންޓީނު ވާން ނުޖެހޭނެކަމަށް އެއާރލައިން ބުނެއެވެ.

ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެއަރލައިނުގެ ތެރޭގައި ހިމެނޭ ޤަތަރު އެއަރވޭސްއިން ބުނާގޮތުގައި ދިވެހިރާއްޖެއަކީ އެ އެއަރލައިނަށް ވަރަށް މުހިއްމު މާކެޓެކެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލި ދުވަހު ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެންމެ ފުރަތަމަ ޖައްސާފައިވަނީވެސް ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ. ޤަތަރު އެއަރވޭސްއިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ޤަތަރުގެ ވެރިރަށް ދޯހާއިން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.