ވިޔަފާރި

ކޮންޑޯ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި


ޖަރުމަނުވިލާތުގެ ކޮންޑޯ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.

ކޮންޑޯ އެއަރލައިނަކީ ދުނިޔޭގެ މަޤްބޫލް ލެޝަރ އެއަރލައިންނެކެވެ. އެގޮތުން މި އެއަރލައިނުން އާއްމުގޮތުގައި ދަތުރުތައް ކުރާނީ ޗުއްޓީއަށް މީހުންދާ މަންޒިލްތަކަށެވެ. އަދި ޗާޓަރ ދަތުރުތައްވެސް މި އެއަރލައިނުން އާއްމުގޮތެއްގައި ކުރެއެވެ.

ކޮންޑޯ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަރުމަންވިލާތުގެ ފްރެންކްޕަރޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. ކޮންޑޯ އެއަރލައިނުން ހަފްތާއަކު ދެ ދަތުރު ރާއްޖެއަށް ކުރުމަށް ވަނީ ނިންމާފައެވެ.

މީގެކުރިންވެސް ފަތުރުވެރިކަމުގެ ހައި ސީޒަންތަކުގައި ކޮންޑޯ އެއަރލައިނުން ވަނީ ރާއްޖެއަށް ދަތުރުތައް ބާއްވާފައެވެ.

މިހާރުވެސް ޖަރުމަނުވިލާތުގެ ލުފްތަންސާ އެއަރލައިނުން ދަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ. ލުފްތަންސާއިން ރާއްޖެއަށް ދަތުރުތައް ކުރާނީ ޖަރުމަންވިލާތުގެ ފްރެންކްފަރޓްއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ރާއްޖެއަށް އެ އެއަރލައިންއިން ދަނީ ހަފްތާއަކު 2 ފްލައިޓް ބާއްވަމުންނެވެ. އެއީ ކޮންމެ ހަފްތާއެއްގެވެސް ބުދަ އަދި އާދިއްތަ ދުވަހުއެވެ.

ޖަރުމަނުވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު މާކެޓެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޖަރުމަންވިލާތުން ރާއްޖެއަށް 5393 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެެވެ. ޖަރުމަންވިލާތަކީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ އަދަަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމުކަން ފާހަގަކޮށްލެވެއެވެ.