ޚަބަރު

އެކެއް ފެބްރުއަރީގެ އަމުރަށް 5 ފަނޑިޔާރުން ޒިންމާވާންޖެހޭނެ


2018 ވަނަ ފެބްރުއަރީމަހުގެ އެއްވަނަދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އޭރު ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ޒިންމާވާންޖެހޭނެކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމްކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރިކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އެ ވާހަކަތައް ދޮގުކޮށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

ސުޕްރީމްކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާއި ގުޅިގެން ރައީސް ޔާމީންގެ ސަރުކާރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އޭރުގެ އުއްތަމަ ފަނޑިޔާރާއި އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުވަނީ ހައްޔަރުކޮށްފައެވެ.

މި ބަދަލަށްފަހު ރައީސް ޔާމީން އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި ޑރ. އަހްމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އަމުރަށް ސުޕްރީމްކޯޓުގެ ޓިނު ނަގައިގެން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމަށެވެ. އަދި ބަލަންޖެހޭ ޙަޤީޤީ މައްސަލައަކީ، ޤާއިމުވެ އޮތް ލެޖިޓިމެޓް ސަރުކާރު ފަނޑިޔާރުންނާއި ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތުކުރެވުނު ކުރެވޭ ފަރާތްތަކުގެ މައްސަލަކަމަށްވެސް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

މި ޓްވީޓާއި ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީ ގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫންކަމަށެވެ. އެ އަމުރު ނެރުނީ 5 ފަނޑިޔާރުންގެ އިއްތިފާގުންކަމަށާއި 5 ފަނޑިޔާރުންވެސް އެ އަމުރަށް، އަދި އޭގެ ނަތީޖާއަށް ޒިންމާވާން ޖެހޭނެކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ މައްސަލަތަކުގެ ވާހަކަތައް ފެންމަތިވެފައި މިވަނީ ދާދި ފަހުން ތަޞްދީޤުކުރި އިންތިޤާލީ އިންސާފުގެ ޤާނޫނާއި ގުޅިގެންނެވެ.

މި ޤާނޫނުގެ ދަށުން 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކުރަންޖެހެއެވެ. އެހެންނަމަވެސް ކުރިން ބަލާ ނިންމާ ގޮތެއް ކަނޑައަޅާފައިވާ ހުރިހާ މައްސަލަތަކެއް މި ޤާނޫނުގެ ދަށުން ނުބެލޭނެއެވެ.