ޚަބަރު

އިހީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލަނީ


އިހީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލަން ސަރުކާރުން ނިންމައިފިއެވެ.

އިހީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލަން ނިންމާފައިވަނީ ފިޝަރީޒް މިނިސްޓްރީން އެކުލަވާލި އިހީގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގެ ދަށުންނެވެ.

އިހީގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގެ ދަށުން އެކުލަވާލަން ނިންމި މި ދަފްތަރަކީ އިހީގެ މަސްވެރިކަން މެނޭޖްކުރުމަށްޓަކައި އެޅުމަށް ނިންމި ފިޔަވަޅެކެވެ. މި ދަފްތަރު އެކުލަވާލަން ޖެހެނީ މި ޕްލޭންއަށް އަމަލުކުރަން ފަށާތާ 1 އަހަރު ދުވަހުގެ ތެރޭގައެވެ. އެހެންކަމުން 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މި ދަފުތަރު އެކުލަވާލައި ނިންމަން މި ޕްލޭންގެ ދަށުން ލާޒިމްކުރެއެވެ.

ލޯކަލް ކައުންސިލްތަކާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން އެކުލަވާލާ މި ދަފުތަރު އެކުލަވާލުމުގެ ބޭނުމަކީ އިހީގެ މަސްވެރިކަމުގެ މަސްލަހަތުވެރިން ދެނެގަނެ، އިހީގެ މަސްވެރިކަމާއި ގުޅޭ ނިންމުންތައް ނިންމުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އޮތްކަން ޔަގީންކުރުމެވެ.

މިޕްލޭންގެ ދަށުން އަޅަން ނިންމާފައިވާ އަނެއް ފިޔަވަޅަކީ ވައިފުޅި އަޅައިގެން އިހި ނެގުން މަނާކުރުމެވެ. މިއީ އެއް އަހަރުދުވަހުގެ ތެރޭގައި ތަންފީޒުކުރަން އޮތް މަސައްކަތެކެވެ. މި ފިޔަވަޅުތަކުގެ އިތުރުންވެސް އިހީގެ މަސްވެރިކަން ބެލެހެއްޓުމަށްޓަކައި އެހެނިހެން ފިޔަވަޅުތަކެއް އެޅުމަށް މިނިސްޓްރީއަށް ފެނިއްޖެ ހާލަތުގައި އެ ފިޔަވަޅެއް އެޅުން މި ޕްލޭންގައި ހިމެނެއެވެ.

އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކުން އިހީގެ ބާވަތްތައް ނެގުން މަނާކުރުމާއި، އިހީގެ ވަކި ބާވަތެއް ނެގުން ނުވަތަ ޕްރޮސެސް ކުރުން މަނާކުރުން ހިމެނެއެވެ. އަދި މިހާރު ކަނޑައަޅާފައިވާ ސައިޒް ލިމިޓްތަކަށް ބަދަލުގެނައުމާއި، މަސްވެރިކަމުގައި ނެގޭނެ އިހީގެ ބާވަތްތަކުގެ ކޯޓާއެއް ކަނޑައަޅާ ތަންފީޒުކުރުންވެސް އޭގެތެރޭގައި ހިމެނެއެވެ.

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އިހީގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލުމުގެ ކުރިންވެސް، އިހީގެ އާބާދީ އާލާވުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ރާއްޖެއިން އިހި ބޭރަށް އެކްސްޕޯޓް ކުރުން އޮންނަނީ މަނާ ކޮށްފައެވެ. އަދި އިހީގެ މަސްވެރިކަމުގައި ނެގޭނެ އިހީގެ ސައިޒުތައްވެސް ވަނީ ކަނޑައަޅާފައެވެ. މި ގަވާއިދުތައް ދެން ތަންފީޒުކުރާނީ މި ޕްލޭންގެ ދަށުން ފިޝަރީޒް މިނިސްޓްރީއާއި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިއުޓް، އެމް.އެމް.އާރް.އައި އާއި އަދި ކަސްޓަމްސް ގުޅިގެންކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މިޕްލޭންގެ ދަށުން 1 އަހަރު ދުވަހުގެ ތެރޭގައި ވިޔަފާރި އުސޫލުން އިހީގެ މަސްވެރިކަން ކުރާ އުޅަނދުފަހަރުތައް ލައިސަންސް ކުރުމުގެ އިންތިޒާމް ހަމަޖައްސަންޖެހެއެވެ. އަދި އިހީގެ މަސްވެރިކަމާއި، މަސްވެރިކަމާއި ގުޅުންހުރި ހަރަކާތް ހިންގާ ފަރާތްތައް ރަޖިސްޓްރީކުރުމުގެ އިންތިޒާމްވެސް ހަމަޖައްސަންޖެއެވެ. މިއީ ރާއްޖޭގައި ކުރާ އިހީގެ މަސްވެރިކަމާއި ވިޔަފާރީގެ މައުލޫމާތު އެއްކުރާނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ މަޤްޞަދުގައި ކުރާކަމެކެވެ.

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީއަށް އެކުލަވާލަން ލާޒިމްކުރާ މަސްވެރިކަމުގެ ތަފާތު ޕްލޭންތަކުގެ ތެރެއިން މިހާރު އެކުލަވާލާ ގެޒެޓްކޮށްފައިވަނީ 6 ޕްލޭނެއެކެވެ. އެއީ އިހީގެ މަސްވެރިކަމުގެ އިތުރުން ހިބަރުގެ މަސްވެރިކަމާއި، ދިރޭ ކުދިމަހުގެ މަސްވެރިކަމާއި، ތުތި ބޯވަދިލަމަހުގެ މަސްވެރިކަމާއި، ފާނަ މަސްވެރިކަމާއި ހުއިފި ލަނޑާގެ މަސްވެރިކަމުގެ ޕްލޭންއެވެ. ކުރިޔަށް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ 3 ޕްލޭންއެއް އެބައޮތްކަމަށް މިނިސްޓްރީއިން މައުލޫމާތުދެއްވައެވެ. އެއީ ފަރުމަހުގެ މަސްވެރިކަމާއި ކަނޑުމަހުގެ މަސްވެރިކަން އަދި އެންވެރިކަމުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންއެވެ.