ޚަބަރު

މަސައްކަތުގެ މާޙައުލު ރައްކާތެރި ތަނަކަށް ހެދުމަށް ކެމްޕޭނެއް ފަށައިފި


މަސައްކަތުގެ މާހައުލަކީ އެންމެންނަށްވެސް ރައްކާތެރި ތަނަަކަަށް ހެދުމަށް "ނޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކެމްޕޭން"ގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް އިފްތިތާޙު ކޮށްފިއެވެ. ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މިކެމްޕޭން އިފްތިތާޙު ކޮށްދެއްވީ މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދުއެވެ.

މި ކެމްޕޭނަކީ "ހަނު ނުތިއްބަވާ ކޮންމެ މީހެއްގެވެސް ޒިންމާއެއް އެބައޮތް" މިޝިޢާރުގެ ދަށުން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ. ކެމްޕޭން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ އަދި ސެންޓަރ ފޮރ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ގުޅިގެންނެވެ.

އެޗްޕީއޭގެ ޑިރެކްޓަރ އާމިނަތު ޝައުފާ ވިދާޅުވީ މި ކެމްޕޭނުގެ ސަބަބުން މަސައްކަތުގެ މާހައުލު ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތް ފުޅާވެ، ދުޅަހެޔޮ މާޙައުލެއް ޤާއިމުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ.

ޝައުފާ ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގާ ތަފާތު ޙާދިސާތަކުގެ ސަބަބުން އެކިއެކި ސިއްޙީ މައްސަލަތަކާ ކުރިމަތިވާ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށެވެ.

"ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް މަސައްކަތުގެ މާޙައުލުގައި ހިނގާ ހާދިސާތަކުގެ ސަބަބުން ތަފާތު ބަލިތައްޖެހޭ މީހުންނާއި ނުކުޅެދުންތެރިކަން ތަޙައްމަލުކުރަންޖެހޭ މީހުންނާއި ފުރާނައަށް ނުރައްކާވާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދޭ." ޝައުފާ ވިދާޅުވިއެވެ.

މި ކެމްޕޭނުގެ ދަށުން މަސައްކަތްތެރިން ހޭލުންތެރިކުރުވުމުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގުމުގެ އިތުރުން ފުރަތަމަ އެހީ އަދި އަލިފާން ނިއްވާނެ ގޮތުގެ ސެޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް ޝައުފާ ވިދާޅުވިއެވެ.

ހެލްތު މިނސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހް ޢަބްދުﷲ މާހިރު ވިދާޅުވީ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕޭނާއެކު ކަންކަމުގައި ދުރާލައި ފިޔަވަޅު އެޅި މަސައްކަތުގެ މާޙައުލުގައި ދިމާވާ ނުރައްކާތައް މަދުކުރެވިގެންދާނެކަމަށެވެ.

ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރގެ ބޯޑް މެމްބަރ އަލް އުސްތާޛު ޢަބްދުﷲ ނިހާދު ވިދާޅުވީ މިފަދަ ކެމްޕޭނެއް ކުރިއަށްގެންދަން ޖެހިފައިވަނީ މަސައްކަތުގެ މާޙައުލު ރައްކާތެރި ތަނަކަށް ހެދުމަށް ޤަވާއިދުތަކެއް ހެދިފައި ހުއްޓަސް، އެ ޤަވާއިދުތައް ތަންފީޒުވަމުން ނުދާތީކަމަށެވެ.

"މީގެ ކުރިން ވަނީ މަސައްކަތުގެ މާޙައުލު ރައްކާތެރި ތަނަކަށް ހެދުމާ ގުޅޭ ބިލެއް ޑްރާފްޓް ކުރެވިފައި، މި ފެށިގެންދާ ކެމްޕޭނާއެކު މުޢައްސަސާތަކާއެކު މަޝްވަރާކުރުމަށް ފަހު އެ ބިލު އަލުން މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ." ނިހާދު ވިދާޅުވިއެވެ.

މަސައްކަތުގެ މާހައުލު ރައްކާތެރި ތަނަކަށް ހެދުމާގުޅޭ ކެމްޕޭން 2021ވަނަ އަހަރާހަމައަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.