ޚަބަރު

ކޯވިޑް-19 : މާލެ ސަރައްހަދުގައި އިޢުލާންކޮށްފައިވާ ކާފިއު އުވާލައިފި


ކޯވިޑް-19އާއި ގުޅިގެން މާލެ ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކޮށް ޢިއުލާންކުރި ކާފިއު އުވާލައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް މިގެނެވުނު ބަދަލާއެކު 7 ނޮވެންބަރުގައި މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އޮތް ކާފިއު މީގެފަހުން އުވާލާފައިވާކަމަށެވެ.

ކާފިއު އުވާލާފައިވާއިރު އެޗްޕީއޭއިން މިއަދުވަނީ ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް ލުއިތަކެއްދީ ކުޅިވަރު މުބާރާތްތަކާއި ޙަފްލާތައް ބޭއްވުމުގެ ހުއްދަ ދެއްވާފައެވެ.

ކޯވިޑާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އެޗްޕީއޭއިން އަންނަނީ ލުއިތައް ދެމުންނެވެ. އެގޮތުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު 10 ދުވަހަށްވަނީ ކުޑަކޮށްފައެވެ. އަދި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ނެގެޓިވް ޕީސީއާރު ޓެސްޓެއް ހިފައިގެން އަންނަ އެއްވެސް ދިވެއްސަކު ރާއްޖެ އައިސް ކަރަންޓީނު ވާން ނުޖެހޭގޮތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

އަދި މިހާރު ހުރި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އެޗްޕީއޭއިންވަނީ އަންގާފައެވެ. އަދި މިއާއެކު ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން
އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށްއެޗްޕީއޭއިންވަނީ އަންގާފައެވެ.

ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި،
ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ބުނެވިދިޔަ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކޮށްފައިވަނީ، މިއަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. މިމުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްފައިވާއިރު، އެންމެ ފަހުން ކުރި ޢިއުލާނުގައިވާގޮތުން ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ ޖެނުއަރީމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެެވެ.