ޚަބަރު

އައިފާން ބިލްޑިންގެ ނަން އެފްއެސްއެމް ބިލްޑިންގއަށް ބަދަލުކޮށްފި


އެސްޓީއޯ އައިފާނު ބިލްޑިންގެ ނަން އެފްއެސްއެމް ބިލްޑިންގެ ނަމަށް ބަދަލުކޮށްފިއެވެ. މިގޮތަށް ބަދަލުކޮށްފައިވަނީ ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

އެފްއެސްއެމް ބިލްޑިންގެ ނަން ބަދަލުކޮށް ނަންބޯޑު އިފްތިތާޙް ކޮށްދެއްވީ އެސްޓީއޯ ގްރޫޕްގެ ސީއީއޯ ހުސެން އަމްރުއެވެ. މިއާއެކު ޢިމާރާތުގައި ދިވެހި ދިދާއާއި އެސްޓީއޯ އާއި އެފްއެސްއެމްގެ ދިދަވަނީ ނަގާފައެވެ.

އެފްއެސްއެމްގެ އަހަރީ ދުވަހާ ގުޅުވާ އެސްޓީއޯއިން ވަނީ ކުންފުނީގެ 8.5 މިލިއަން ލީޓަރުގެ ސްޓޯރޭޖްގެ ތެޔޮ ޓޭންކަރ (އަލިހުރަސް) އެފްއެސްއެމްއަށް ބަދަލުކޮށްފައެވެ. އެހެންކަމުން މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ތެޔޮ އުފުލާ ޓޭންކަރު އޮތީ އެފްއެސްއެމްގައެވެ.

އެފްއެސްއެމްގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯ ގްރޫޕް ސީއީއޯ ހުސެން އަމްރު ވަނީ އެފްއެސްއެމްއިން ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ޤައުމަށްކޮށްދެއްވި ޚިދުމަތް ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދީ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑުނަ ނުދީ ހިފަހައްޓާކަމީ ފަޚުރުވެރިވާންޖެހޭކަމެއްގެ ގޮތުގައި އަމްރުވަނީ ފާހަގަކުރައްވާފައެވެ. އަދި ޓެކްނޮލޮޖީއަށް ބަރޯސާވަމުން އަންނަ ދުނިޔެއެއްގައި އެފްއެސްއެމްގެ ޓީމުންވެސް ޓެކްނޮލޮޖީއަށް އަހުލުވެރިވާންޖެހޭކަމަށް އަމްރު ވިދާޅުވިއެވެ.

މިޙަފްލާގައި ވަނީ އެކުންފުންޏަށް 20 އަހަރު ޚިދުމަތްކޮށްފައިވާ 4 މުވައްޒަފެއްގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައެވެ. ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން މުޖުތަމަޢަށް ފައިދާ ހުރި ޚިދުމަތެއް ދޭ ޖަމިއްޔާއެއްކަމަށްވާ ޖަމިއްޔަތުލް ތަޢާވުންއަށް ވަނީ ފައިސާގެ އެހީއެއް ދީފައެވެ. ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ އިބްރާހިމް ރަޝީދު އަލީ އާއި މިއެހީގެ ފައިސާ ޙަވާލު ކޮށްދެއްވީ އެފްއެސްއެމްގެ އެމްޑީ މުޙައްމަދު ޤަސަމްއެވެ.

އެސްޓީއޯއާއި ކުރީގެ ވަރަ މޯލްޑިވްސް ޙިއްސާވެގެން 2000 ވަނަ އަހަރު އެފްއެސްއެމް ވުޖޫދަށް އައިސްފައިވަނީ އެސްޓީއޯގެ ތެޔޮ ރާއްޖޭގެ ކަންކޮޅުތަކަށް ޑިސްޓްރިބިއުޓްކުރާ ލޮޖިސްޓިކްސް ކުންފުންޏެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު އެފްއެސްއެމްއަކީ ރާއްޖޭގައި ތެލުގެ ވިޔަފާރި އެންމެ ފުޅާދާއިރާގައި ކުރިއަށް ގެންދާ އެއް ކުންފުންޏެވެ.