ޚަބަރު

އުރަމަތީގެ ކެންސަރަށް ހޭލުންތެރި ކުރުން


ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއާ ޓޭބަލްޓެނިސް އެސޯސިއޭޝަން ގުޅިގެން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށް ފަށާފައިވާ ހަރަކާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ވަންގ ފުކާންގ ބައިވެރިވެވަޑައިގެންފިއެވެ.އިއްޔެއިން ފެށިގެން ތިންދުވަހުގެ ނިޔަލަށް ހުރަވީ ބިލްޑިންގްގެ ތިރީގައި ކުރިއަށްދާ މި ހަރަކާތުގައި ވަންގ ފުކާންގް ބައިވެރިވެވަޑައިގެން އެތަނުގައި އާންމުކޮށް ހުޅުވާލައިގެން ކުޅެމުންދާ ޓޭބަލް ޓެނިސް  ކުޅުމުގައިވެސް ބައިވެރިވެފައިވެއެވެ.މިހަރަކާތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވަންގ ފުކާންގ ވިދާޅުވީ، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއާ ޓޭބަލްޓެނިސް އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި، ހަރަކާތުގެ ތެރެއިން ކުޅިވަރަކީ ފައިދާ ހުރި ކުޅިވަރެއްކަމަށެވެ.ސަފީރުވަނީ، ރާއްޖޭގެ މަޝްހޫރު ޓީ.ޓީ ކުޅުންތެރިޔާ މުއީނާގެ އިތުރުން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ބައެއް އޮފިޝަލުންނާއެކު ވާދަކުރައްވާފައެވެ.ބްރެސްޓް ކެންސަރަކީ، ޓީޓީ ފަދަ  ކުޅިވަރަކާއި ގުޅުވައިގެން ކުރިޔަށްގެންދާ  ލައިފްސްޓައިލާއި ގުޅިފައިވާ ކަމަކަށްވީއިރު، މި ހަރަކާތުގައި ޓީޓީ ކުޅެން އަންނަ ފަރާތްތަކަށް ބްރެސްޓް ކެންސަރ އާއި ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. މިހަރަކާތުގައި މިއަދު ހަވީރު ފޮރިންގ މިނިސްޓަރާއި، އެހެނިހެންވެސް ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ހަރަކާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.