ޚަބަރު

ރައީސްކަމުގެ އިތުރު ދައުރަކަށް ވާދަކުރެއްވުމާ ގުޅޭގޮތުން ޕުޓިން ވާހަކަފުޅުދައްކަވައިފި


2024 ވަނަ އަހަރު ރިޔާސީ ދައުރު ހަމަވުމުން، ރައީސްކަމުގެ އިތުރު ދައުރަކަށް ވާދަކުރައްވާނެ ކަމާމެދު އެއްޗެއް ބުނަން އަވަސްކަމަށް ރަޝިޔާގެ ރައީސް ވްލަޑިމީރު ޕުޓިން ވިދާޅުވެއްޖެއެވެ.

ޕުޓިން މިހެން ވިދާޅުވީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ކޯވިޑް-19ގެ ސަބަބުން އަހަރީ ނޫސް ކޮންފަރެންސް މިއަހަރު ބާއްވާފައިވަނީ މަދު އަދަދެއްގެ ނޫސްވެރިންނާ އެކުއެވެ. ބައެއް ނޫސްވެރިންނަށް ޕުޓިން ހުންނެވި ހޯލަށް ވަނުމަށް ފުރުސަތު ލިބުނުއިރު، ބާކީ ނޫސްވެރިން ބައިވެރިވީ އޮންލައިންކޮށެވެ.

ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ޕުޓިން ވިދާޅުވީ 2024 ވަނަ އަހަރުގެ ރިޔާސީ ދައުރު ހަމަވުމުން ކުރިޔަށް އޮންނަ އިންތިޚާބުގައި ވާދަކުރައްވާނެތޯ ނުވަތަ ނޫންތޯ ބުނަން އަދި މާ އަވަސްކަމަށާއި، އެކަމާ އަދި ވިސްނަވާކަމަށެވެ.

ރައީސްކަމަށް ވާދަކުރެއްވުމާއިމެދު އަވަސްކަމަށް ޕުޓިން ވިދާޅުވިއިރު، ޕުޓިން ވަނީ ރައީސްކަމުގެ 6 އަހަރުގެ އިތުރު 2 ދައުރަށް ކުރިމަތިލެއްވޭ ގޮތަށް ޤާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. މިއާއެކު، އިތުރު ދައުރަކަށް ކުރިމަތިލައްވައިފިނަމަ ވެރިކަމުގައި 2036 ވަނަ އަހަރާ ހަމައަށް ޕުޓިންއަށް ހުންނެވޭނެއެވެ. ޤާނޫނު އަސާސީއަށް ބަދަލުތައް ނުގެންނެވިނަމަ 68 އަހަރުގެ ޕުޓިންގެ ރިޔާސީ ދައުރު 2024 ވަނަ އަހަރަށް ނިމޭނެއެވެ.

ޕުޓިން ވިދާޅުވީ، ކުރިޔަށް އޮތް ދުވަސްތަކުގައި ވެރިކަމަށް ކުރިމަތިލުމާ ދޭތެރޭ ވިސްނަވާނެކަމަށެވެ.