ޚަބަރު

ބްރިޖްގެ މަސައްކަތް ކުރާނެ ކުންފުނި މިމަހު ފަހުކޮޅު ކަނޑައަޅަނީ


"ޗައިނާ-މޯލްޑިވްސް
ފްރެންޑްޝިޕް ބްރިޖް" ގެ މަސައްކަތްކުރާނެ ކުންފުންޏެއް ޗައިނާ ސަރުކާރުން މި
މަހު ފަހުކޮޅު ފައިނަލްކޮށް ދިވެހި ސަރުކާރާއެކު ސޮއިކުރެވޭވަރުވާނެ ކަމަށް
ހައުސިންގ މިނިސްޓްރީން ވެއްޖެއެވެ.
ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، މިހާރުވަނީ ބްރިޖްގެ
މަސައްކަތް ކުރާނެ ޗައިނާ ކުންފުންޏެއް ފައިނަލް ކުރުމުގެ ފަހު މަރުހަލާގައި
ކަމަށާއި، އެގްރިމެންޓްގައި ސޮއިކުރެވޭ ހިސާބުން މޮބިލައިޒޭޝަންގެ މަސައްކަތް
ފަށާނެ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފަށާނެ ކަމަށް
މިނިސްޓަރ ވިދާޅުވިއެވެ.  

ބްރިޖްގެ މަސައްކަތް
ކުރެވޭނެ ގާބިލްކަން ލިބިފައި އޮތީ ޗައިނާގެ ދެ ކުންފުންޏަކަށް ކަމަށް ޗައިނާ
ސަރުކާރާ ހަވާލާދީ ހައުސިންގ މިނިސްޓްރީންވަނީ ބުނެފައެވެ. މާލޭގެ
އިރުމަތީ ފަރާތު ސުނާމީ ބިނާ ސަރަހައްދުން ފެށިގެން ހުޅުލޭ ރަންވޭ ނިމޭ ދެކުނު
ކޮޅާ ހަމައަށް 2 ކިލޯމީޓަރު ދިގު 20 މީޓަރ ފުޅާ ބްރިޖެއް މިމަޝްރޫޢުގެ ދަށުން އެޅުމަށް
ހަމަޖެހިފައިވެއެވެ.  ބްރިޖް
ޑިޒައިންކޮށްފައިވަނީ އެކި ބޭނުންތަކަށް ޚާއްސަ 6 މަގެއް ހިމެނޭގޮތަށެވެ. ބްރިޖްގެ
އަމަލީ މަސައްކަތާއި، ބްރިޖް އޮޕަރޭޓް ކުރުމަށްވެސް ޗައިނާއިން އެހީތެރިކަން
ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، ބްރިޖް އެޅުމަށް ޚަރަދުވާ 300 މިލިއަން
ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރު ޗައިނާގެ ހިލޭ އެހީގެ ގޮތުގައި ދިނުމަށް
ޗައިނާއިންވަނީ ނިންމާފައެވެ. ބްރިޖް ނިމި ހުޅުވޭނެ ކަމަށް ސަރުކާރުން
ލަފާކޮށްފައިވަނީ، 2017 ވަނަ އަހަރުއެވެ.