ސިޔާސީ

ޝައިހް އިމްރާންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަނީ


މޭޑޭގެ މުޒާހަރާއާއި ގުޅިގެން އަދާލާތު
ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ މައްޗަށް އުފުލާފައިވާ ޓެރެރިޒަމް
ދައުވާގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ކުރިމިނަލްކޯޓުން ތާވަލްކޮށްފިއެވެ.



މި މައްސަލައިގެ އަޑުއެހުމެއް
ނުބާވާއްތާ ތިންމަސްދުވަސް ފަހުން މާދަމާ ބާއްވަން ތާވަލްކުރި އަޑުއެހުން އޮންނާނީ
މަދާމާ 10:00 ޖަހާއިރުކަމަށް ކުރިމިނަލްކޯޓުން ބުނެއެވެ.



ދައުލަތުން އިމްރާނާއި ދެކޮޅަށް
ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ 
މޭމަހުގެ އެއްވަނަދުވަހު އިދިކޮޅު ފަރާތަކުން މާލޭގައި ބޭއްވި މުޒާހަރާގެ
ބައިވެރިންނަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރުލިބޭ ގޮތަށް ވާހަކަ
ދައްކާފައިވާކަމަށް ބުނެ. މި މައްސަލައިގެ އެއް އަޑުއެހުން މިހާތަނަށް
ބާއްވާފައިވާއިރު އިމްރާންވަނީ އެ ދައުވާއަށް އިންކާރްކޮށްފައެވެ.



އިމްރާންގެ މައްސަލައިގެ  ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ ޖޫން
މަހުގެ ދެވަނަ ދުވަހެވެ. އޭގެ ފަހުން  އެ
މައްސަލަ ބައްލަވާ ބެންޗުގައި ތިއްބެވި ދެ ފަނޑިޔާރަކު ހައިކޯޓަށް
ބަދަލްކުރެއްވުމާއި ގުޅިގެން މިހާތަނަށް އެ މައްސަލައިގެ އަޑުއެހުމެއް
ބާއްވާފައެއްނުވެއެވެ. ކޯޓުން ބުނަމުން އައިސްފައިވަނީ މައްސަލައިގެ އަޑުއެހުންތައް
ހުއްޓިފައި އޮތީ އެ މައްސަލަ ޝަރީއަތް ބާއްވަން ހަމަޖައްސާފައިވާ ތަނުގެ
މަރާމާތުގެ މަސައްކަތްތަކެއް ކުރިޔަށްދާތީކަމަށެވެ.



މޭމަހުގެ އެއްވަނަދުވަހުގެ ރެއިން
ފެށިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށްފަހު
ޖުލައި މަހުގެ ތެރޭގައި ކޯޓް އަމުރެއް ދަށުން އިމްރާން ގޭ ބަންދަށް
ބަދަލްކޮށްފައިވެއެވެ. އެހެންނަމަވެސް ސައްވިސް ގަޑިއިރުވެސް ނުވަނީސް ޝަރީއަތް
ނިމެންދެން ފުލުހުންގެ ބަންދަށް އަލުން ބަދަލްކޮށްފައިވެއެވެ.