ޚަބަރު

ވެލެންސިޔާއަކީ ފުޓްބޯޅައިގެ ވަރުގަދަ ބާރެއް، އެކަން ދައްކަން ޖެހޭ - އާތީ


ކުލަބް ވެލެންސިޔާއަކީ ފުޓްބޯޅައިގެ ގަދަ ބާރެއްކަމަށާއި އެކަން މިއަހަރު ދައްކަންޖެހޭކަމަށް ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި ކުލަބް ވެލެންސިޔާ ކުޅުނު ފުރަތަމަ މެޗު އެޓީމްވަނީ ގްރީން ސްޓްރީޓްސް އާއި ވާދަކޮށް 1 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްފަ. މިމެޗުގައި ލަނޑު ޖަހާފައިވަނީ 15 އަހަރަށްފަހު ކުލަބާ އަލުން ގުޅުނު ކެޕްޓަން އަލީ އަޝްފާގެވެ. ލީގުގައި މާދަމާ ޔުނައިޓަޑް ވިކްޓްރީއާއި ދެކޮޅަށް ނިކުތުމުގެ ކުރިން ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފްބުނީ ގްރީން އަތުން 3 ޕޮއިންޓް ލިބުމުން ވަރަށް ހިންހަމަޖެހޭކަމާއި ނަމަވެސް ހިންހަމަޖައްސައިގެން ހުރެވެން ނެތްކަމަށެވެ. ކުލަބް ވެލެންސިޔާއަކީ ފުޓްބޯޅައިގެ ގަދަ ބާރެއްކަމާއި ކޮންމެ މެޗްއެއްގައިވެސް އެކަން ކުލަބުން ދައްކަންޖެހޭކަމަށެވެ. ގްރީން މެޗުގައި ހެދުނު ގޯސްތައް ރަގަނޅުކޮށް ޔޫވީމެޗަށް ވެލެންސިޔާ ނިކުންނާނީ ވަރަށް ރަގަނޅަށް ތައްޔާރުވެގެންކަމަށްވެސް ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް ބުންޏެވެ. ލީގުގައި ކޮންމެ ޓީމެއްގެވެސް ފުރަތަމަ މެޗުގައި، އެޓީމްއެއްގެ އަސްލު ކުޅުން ނުފެނިދާނެކަމާއި ކުރިޔަށް އޮތް މެޗުގައި ޔުނައިޓެޑް ވިކްޓްރީގެ ކުޅުން ތަފާތުވާނެކަމަށް ގަބޫލް ކުރާކަމަށާއި ވެލެންސިޔާ ޓީމް ނިކުންނާނީ ހުރިހާކަމަކަށްވެސް ތައްޔާރުވެގެންކަމަށް ކޯޗް އާތިފް ބުންޏެވެ. ކުލަބް ވެލެންސިޔާގެ ކުޅުންވެސް ގްރީން މެޗަށްވުރެ ރަގަނޅުވާނެކަމަށް ކޯޗް މުހައްމަދު އާތިފް ބުންޏެވެ.

"ޔުނައިޓަޑް ވިކްޓްރީއަކީ މިދިޔަ ސީޒަންގެ ފަހުކޮޅުގައި ވަރަށް ރަގަނޅު ކުޅުމެއްދައްކާފައިވާ ޓީމެއް. އޭގެ އިތުރުން އަޅުގަނޑު (އާތީ) ގަބޫލް ކުރަނީ މިއަހަރު ޔޫވީއޮތީ އިތުރަށް ވަރުގަދަވެފަކަމަށް. އަޅުގަނޑު ގަބޫލުކުރަނީ މިހާރު އެޓީމާ ގުޅިފައިތިބީވެސް ވަރަށް މޮޅެތި ކުޅުންތެރިންތަކެއްކަމަށް. މެސީއަކީ ވަރަށް މޮޅަށް މެދުތެރޭގައި ކުޅޭ ކުޅުންތެރިއެއް. އެގޮތުން ބަކާއަކީ ރާއްޖޭގައި ހުރި މެދުތެރަށް ކުޅެ ފަހަތަށްވެސް ކުޅޭ އެންމެ މޮޅު އެއްކުޅުންތެރިންޔާ އޭ ބުނުމުން ގޯހަކަށް ނުވާނެ. އެހެންވީމަ ޔޫވީގެ މެދުތެރެ ވަރަށް ވަރުގަދަވާނެ. ހަމްދާންވެސް މެދުތެރެއަށް ކުޅޭލެއް ގޯހެއްނޫން. އަދި ފަހަތުން ފަރުހާދުއަކީވެސް ވަރަށް ތަޖްރިބާކާރު ކުޅުންތެރިން. އެޓީމުގެ ބިދޭސީ ފޯވާޑްވެސް މޮޅުކަމަށް އަޅުގަނޑު ގަބޫލް ކުރަނީ. އެންމެ ފަހުން ކުޅުނު މެޗްގައި މާރަގަނޅު ކުޅުމެއް ނުދެއްކުނަސް، އެއީ ގޯސް ފޯވާޑެއް ނޫން. މުޅި ސްކޮޑަށް ބާލާލާއިރު، ޔުނައިޓެޑް ވިކްޓްރީއަކީ ވަރަށް ބެލެންސް ސްކޮޑެއް އޮތް ޓީމެއް. މިމެޗް ވެލެންސިޔާއަކަށް ފަސޭހައެއް ނުވާނެ. މެޗް ވެގެންދާނީ ވެލެންސިޔާއަށް ރަގަނޅު ޗެލެންޖަކަށް." ކުލަބް ވެލެންސިޔާގެ ކޯޗް އާތިފް ބުންޏެވެ.

ވެލެންސިޔާ މެޗްގެ ކުރިން ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާދަމް ބުނީ ލީގްގެ ފުރަތަމަ މެޗްގައި މާޒިޔާ އާއި ވާދަކޮށް ދެއްކި ކުޅުމަށްވުރެ މިމެޗްގައި ޔޫވީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ދައްކާނެކަމަށް އުއްމީދު ކުރާކަމަށެވެ. އަދި ލީގުގެ ފުރަތަމަ މެޗަށްވީމަ، ޒުވާން ކުޅުންތެރިންނަށް ޕްރެޝަރު ނަގަން ނޭނގުނީކަމަށްވެސް ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާދަން ބުންޏެވެ. ކުލަބް ވެލެންސިޔާއަކީ މިހާރު ވަރުގަދަ ޓީމެއްކަމަށާއި އެޓީމުގެ ކުޅުންތެރިންނަށް ބަލާލުމުންވެސް އެކަން އެގޭކަމަށް މުހައްމަދު އާދަމް ބުންޏެވެ.

"ވެލެންސިޔާ ޓީމަކީ މިހާރު ދެރަ ޓީމެއް ނޫން. އެފްއޭއެމްއިން ޓީމް ލިސްޓަަށް ބަދަލު ގެންނަން ކޮންމެ ޓީމަކަށް ދިން ފުރުސަތުގައި ކުލަބް ވެލެންސިޔާއިންވަނީ ހީނުކުރާ ވަރުގެ ކުޅުންތެރިން ގެނެސް ޓީމު ވަރަށް ބޮޑަށް ވަރުގަދަކޮށްފަ. .ނަމަވެސް ޔޫވީގެ އަމާޒަށް ވާސިލްވާން ބޭނުންކަމަށްވާނަމަ، ވެލެންސިޔާ މެޗުން 3 ޕޮއިންޓް ނޫން އެހެން ގޮތެއް ޔޫވިއަކަށް ނެތް. އެހެންވީމަ ޔުނައިޓެޑް ވިކްޓްރީއިން ވެލެންސިޔާ މެޗަށް ނިކުންނާނީ 3 ޕޮއިންޓް ހޯދަން. ޔޫވީގައި އޮތް ޓީމާދޭތެރޭގައި ހިންހަމަޖެހޭ، ތިން ޕޮއިންޓް ލީބޭ ހިސާބުން ޔޫވީގެ ޓީމް ހަމައަކަށްވެސް އެޅޭނެ." ކޯޗް މުހައްމަދު އާދަމް ބުންޏެވެ.

ޔުނައިޓްޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާދަމްބުނީ ދިގު ލީގެއް ކުޅޭއިރު، ބައިކޮޅަށް ވަންނަ ގޯލްވެސް މަދުކުރަންޖެހޭކަމަށާއި މާޒިޔާގެ މެޗުގައި ބައިކޮޅަށް 4 ގޯލް ވަނުމަކީ ގިނަ އަދަދެއްކަމަށެވެ. މިހާރުވަނީ ކުޅުންތެރިންނަށްވެސް މީގެ މުހިންމުކަން ވަރަށް ބޮޑަށް ކިޔައިދީފަކަމަށްވެސް ޔޫވީގެ ކޯޗް މުހައްމަދު އާދަމް ބުނެފިއެވެ.