ޚަބަރު

ސިފައިންގެ ޝަރަފުގެ ހިނގާލުމާއި ހަވާއެރުވުން، ކުޅުދުއްފުށީގެ ރައްޔިތުންނަށް ލިބުނު ބޮޑު ހިންހަމަޖެހުމެއް


މާފިލާފުށީގައި ކުރިއަށްގެންދިޔަ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން ފާހަގަކުރުމަށް ޝަރަފުގެ ހިނގާލުމާއި ހަވާއެރުވުމުގެ ޙަރަކާތެއް ކުޅުދުއްފުށީގައި ބާއްވައިފިއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި ބޭއްވި ޝަރަފުގެ ހިނގާލުން ބަލާލުމަށް އާންމުންގެ ގިނަ ބަޔަކު ވަނީ މަގުތަކަށް ނުކުމެފައެވެ. މިރޭ ކުޅުދުއްފުށީގައި ބޭއްވި ހަވާއެރުވުމުގެ ޙަރަކާތް ބެކުމަށްވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެރަށުގެ ހިއްކި ބިމަށް ޖަމާވެފައެވެ. މިއީ ކޯވިޑް-19ގެ ސަބަބުން ރަށުން ބޭރަށް ޗުއްޓީ ހޭދަކޮށްލަން ނުދެވިތިބި އެރަށުގެ އާންމުންނަށް ހިންހަމަޖެހުން ގެނުވި ކަމެކެވެ.

ކުޅުދުއްފުށީގެ ބައެއް އާންމު ފަރާތްތަކުން ބުނީ އެރަށުގައި މިފަދަ ހަރަކާތެއް ބޭއްވުމަކީ ލިބޭ ވަރަށްބޮޑު ހިތް ހަމަޖެހުމެއްކަމުގައެވެ. އަދި ކުޅުދުއްފުށީގެ ސްކޫލްތަކުގެ ކެޑޭޓުން ހާއްޞަ ދުވަސްތަކުގައި މިފަދަ ހިނގާލުންތަށް ބޭއްވުމަކީ ވަރަށް ބޮޑު ހިތް ހަމަޖެހުމެއް ލިބިގެންދާނެކަމެއްކަމަށްވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާގެ ހެޑްކުއާޓަރ ޅ.މާފިލާފުށީގައި ހިންގި 66 ވަނަ އަސާސީ ތަމްރީނު ކޯހަކީ ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި ކޯހެކެވެ. މި ކޯހުގައި 97 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި އިއްޔެ ވަނީ ކޯހުގެ ދަސްވެނިވުން ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީއެވެ.

މިއީ ސިފައިންގެ އަސާސީ ތަމްރީނު ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ޝަރަފުގެ ހިނގާލުން އާންމުންނަށް ހުޅުވާލައިގެން މިގޮތަށް ބޭއްވި ފުރަތަމަ ފަހަރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. މީގެކުރިން ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުންތައް ބާއްވަމުން އައިސްފައިވަނީ ސިފައިންގެ ތަމްރީނު މަރުކަޒުތަކުގައި ނުވަތަ ހެޑްކުއާޓަރގައެވެ.