ތަޢުލީމު

ރާއްޖޭގެ 112 ސްކޫލެއްގައި ނެޝަނަލް އެސެސްމަންޓް ފަށައިފި


ތައުލީމީ ފެންވަރު ވަޒަންކުރުމަށް ރާއްޖޭގެ ސަތޭކަ ބާރަ ސްކޫލެއްގައި ނޭޝަނަލް އެސެސްމަންޓް އިމްތިހާން ފަށައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ނޭޝަނަލް އެސެސްމެންޓް އިމްތިހާނަކީ ކޮންމެ ތިން އަހަރަކުން އެއްއަހަރު ސްކޫލްތަކުގެ ގްރޭޑް 4 އަދި 7 ގައި ކިޔަވަމުންދާ ދަރިވަރުންގެ ފެންވަރު ބެލުމަށް ހިންގާ އިމްތިހާނެއް ކަމަށެވެ. އެގޮތުން މިއަދު ހެނދުނު ގްރޭޑް 7 ގެ ދަރިވަރުން މި އިމްތިހާނު ދީފައިވާ ކަމަށާއި ގްރޭޑް 4 ގެ ދަރިވަރުންނަށް އިމްތިހާނު އޮންނާނީ މިއަދު ހަވީރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.ރާއްޖޭގެ ސްކޫލުތަކުގައި ދެވޭ ތައުލީމުގެ ފެންވަރު ބަލައި މަތިކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ކޮލިޓީ އެޝުރަންސް ޑިޕާރޓްމަންޓުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މި ޤައުމީ ފެންވަރުގެ އިމްތިހާނުގައި މިއަދު އޮތީ އިނގިރޭސި ބަހުގެ އިމްތިހާނެވެ. އަދި މާދަމާ އަށް ހަމަޖެހިފައިވަނީ ހިސާބު މާއްދާގެ އިމްތިހާނެވެ.މީގެ އިތުރުން، ދެން ހަދާ ނެޝަނަލް އެސެސްމަންޓްގައި ދިވެހި ބަހުގެ އިމްތިހާނު ހިމެނުމަށްޓަކައި މި މަހުގެ 18 ވަނަ ދުވަހު ރާއްޖޭގެ 11 ސްކޫލެއްގައި ދިވެހި މާއްދާގެ ޕައިލެޓް އިމްތިހާނު އޮންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.ނެޝަނަލް އެސެސްމަންޓް މެދުވެރިކޮށް ސްކޫލްތަކުގައި ދަރިވަރުންނަށް ފޯރުކޮށްދެވޭ ތައުލީމީ ފެންވަރު އަގުކޮށް، ދަރިވަރުންގެ ފެންވަރު ވަޒަންކުރެވި އަދި ދަރިވަރުން ހާސިލްކުރާ ނަތީޖާތަކަށް އަސަރު ފޯރާ ސަބަބުތައް ދެނެގަނެވޭނެއެވެ.