ވިޔަފާރި

5 ލައްކަ ފަތުރުވެރިންގެ އަމާޒު ހާސިލުވީ ރައީސްގެ ހިކުމަތްތެރިކަމުން- މިނިސްޓަރ


އަންދާޒާކުރި ދުވަހަށްވުރެ އަވަހަށް 5 ލައްކަ ފަތުރުވެރިންގެ އަމާޒު ހާސިލުވީ ރައީސުލްޖުމްހޫރިއްޔާގެ ހިކުމަތްތެރި ނިންމެވުމުންތަކުގެ ސަބަބުންކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން މިއަހަރު ކަނޑައެޅި 5 ލައްކަ ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވީ އަންދާޒާ ކުރި ތާރީޚަށް ވުރެ ކުރިން ފަސްލައްކަ ޓޫރިސްޓުން ރާއްޖެއަށް ގެނެވުމަކީ ޓޫރިޒަމް އިންޑަސްޓްރީގެ ހިތްވަރާއި ރައީސް ސާލިޙުގެ ހިކުމަތްތެރި ނިންމެވުންތަކުގެ ނަތީޖާކަމަށެވެ. އަދި މިކާމިޔާބީއަށްޓަކައި މަރުޙަބާއާއި ޝުކުރު އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިފުރުޞަތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ޚަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް މަރުޙަބާ ކިޔައި ޝުކުރު ދަންނަވަން. އަދި މިމަރުޙަބާގައި ވަކިން ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ޚަރަކާތްތެރިވާ އެންމެހާ މުވައްޒަފުން ޝާމިލުކުރަން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެ ސަލާމަތީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުކޮށްލުމުގައި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި ސިއްހީ ޚިދުމަތްތެރިންނާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން އެހެނިހެން މުވައްސަސާތަކާއި ވޮލަންޓިއަރުން ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ.

5 ލައްކަ ފަތުރުވެރިޔާ ރާއްޖެ އައުމާއި ގުޅިގެން އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި މިކަހަލަ ބޮޑެތި ކާމިޔާބީތަކެއް ޙާސިލްވުމަކީ ވަރަށް އުފާވެރި ކަމެއްކަމަށެވެ. އަދި މިއީ ޕަބްލިކް ސެކްޓަރއާއި ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންގެ މިންނަތް މަސައްކަތުގެ ނަތީޖާކަމަށް ތައްޔިބު ވިދާޅުވިއެވެ.

"މިދިޔަ ހަފްތާގައި އަޅުގަނޑުމެން ވަނީ ދިވެހިރާއްޖޭގެ ބޯޑަރު ހުޅުވާލުމަށްފަހު ޒިޔާރަތްކުރި އެއްލައްކަ ވަނަ ފަތުރުވެރިޔާއަށް މަރުޚަބާ ކިޔާފައި. އަދި މިއަދު އަޅުގަނޑުމެން މި މަރުޚަބާ ކިޔަނީ މިއަހަރުގެ ފަސްލައްކަ ވަނަ ފަތުރުވެރިޔާއަށް" ތައްޔިބު ވިދާޅުވިއެވެ.

މިއަހަރު ރާއްޖެ ޒިޔާރަތްކުރި 5 ލައްކަ ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، މިއަހަރު ރާއްޖެ އައި 5 ލައްކަ ވަނަ ފަތުރުވެރިޔާ އަކީ ޖަރުމަނަވިލާތުން ރާއްޖެ ޒިޔާރަތްކުރި ކިއަރސްޓަން މެޑަލިން ނިޓްކަ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އެމިރޭޓްސްގެ ފްލައިޓެއްގައި މިއަދު ހެނދުނު 11:05 ހާއިރުއެވެ.

ރާއްޖެ އައި 5 ލައްކަވަނަ ފަތުރުވެރިޔާއަކީ އަންހެނަކަށް ވާއިރު ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއައި 1 ލައްކަވަނަ ފަތުރުވެރިޔާ އަކީވެސް އަންހެނެއްކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ 5 ލައްކަ ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައިއިރު އެމްއެމްޕީއާރުސީން ވަނީ އެ ފަތުރުވެރިޔާއަށް ހޫނު މަރުޚަބާއެއް ކިޔުމަށް ހާއްސަ ކަންތައްތަކެއް އެއަރޕޯޓުގައި ކުރިއަށްގެންގޮސްފައެވެ. އެގޮތުން ސަގާފީ ހަރަކާތްތަކަކާއެކު ފަތުރުވެރިޔާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މީގެއިތުރުން ޓުއަރިޒަމް މިނިސްޓްރީ، އެމްއެމްޕީއާރުސީ، އެމްއޭސީއެލް އަދި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އޭނާއަށް ޚާއްސަ ހަދިޔާތަކެއްވެސް ދީފައެވެ.

މިއަހަރުގެ 5 ލައްކަވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައިއިރު ކުރިން ލަފާކުރި ގޮތުން 5 ލައްކަވަނަ ފަތުރުވެރިޔާ އަންނާނެކަމަށް ކުރިން ލަފާކުރީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ސަރުކާރުން ކަނޑައެޅި އަމާޒަށް އޭގެކުރިން ވާސިލުވާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ މީގެކުރިން ވިދާޅުވެފައެވެ.