ޚަބަރު

ފާނައިގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭނަށް ޢަމަލުކުރަން ފަށައިފި


ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ފާނައިގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭން ގެޒެޓްކޮށް ޢަމަލުކުރަން ފަށައިފިއެވެ.

ފާނައިގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭންގެ މަޤްޞަދުތަކުގެތެރޭގައި ދިވެހިރާއްޖޭގައި ކުރެވޭ ފާނައިގެ މަސްވެރިކަން ރާވައި ހިންގުމުގެ އިންތިޒާމެއް ޤާއިމުކޮށް، ޒިންމާދާރުގޮތެއްގައި ފާނައިގެ މަސްވެރިކަން ބަލަހައްޓައި، ފާނައިގެ ބާވަތްތަކަށް އަސަރުކޮށްފާނެ ހަރަކާތްތައް މެނޭޖުކޮށް މިމަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުން ހިމެނެއެވެ. އަދި މީގެއިތުރުން ފާނައިގެ މަސްވެރިކަމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމުގައި ޝާމިލްވާ ދައުލަތުގެ އިދާރާތަކާއި އެންމެހައި މަޞްލަޙަތުވެރިންނަށް މަގުދައްކައިދިނުން ވެސް މި ޕްލޭންގެ ތެރޭގައި ހިމެނެއެވެ.

ފިޝަރީޒް މިނިސްޓްރީން ޢާއްމުކުރައްވާފައިވާ ގޮތުގައި، ފާނައިގެ ބާވަތްތަކަށް އަސަރުކޮށްފާނެ އެންމެހައި ޙަރަކާތްތަކަށް މިޕްލޭން ހިނގާނެއެވެ. އޭގެ ތެރޭގައި ފާނައިގެ މަސްވެރިކަން ކުރުމާއި، މަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތައް ހިންގުމާއި އެކުއަކަލްޗަރ ކުރުމާއި ޕްރޮސެސް ކުރުމާއި ގަނެވިއްކުމާއި ދިވެހިރާއްޖެއިން ފާނައިގެ އުފެއްދުންތައް އެކްސްޕޯޓު ކުރުން ހިމެނެއެވެ. އަދި މި ޕްލޭންގެ ދާއިރާގައި ހިމެނޭ ހަރަކާތެއް ނުވަތަ އެފަދަ ހަރަކާތަކާ ގުޅުންހުރި ކަންކަން ހިންގާ މީހުންނަށާއި، އުޅަނދުފަހަރަށާއި، ޕްރޮސެސް ކުރާ އަދި އެކްސްޕޯޓު ކުރާ ތަންތަނަށްވެސް މިޕްލޭން ހިނގާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްލޭންގައި ކަނޑައަޅާފައިވާ ކަންކަމާއި ޚިލާފަށް، ފާނައިގެ މަސްވެރިކަން ކުރާނަމަ ފިޔަވަޅުތަކެއް އަޅަން ކަނޑައަޅާފައިވެއެވެ. މިގޮތުން ފާނައިގެ ވަކި ބާވަތެއް ހިފުން، ނެގުން، ޕްރޮސެސްކުރުން ނުވަތަ އެކްސްޕޯޓްކުރުން މަނާކުރުމާއި، މިހާރު ކަނޑައަޅާފައިވާ ބާވަތްތަކުގެ އިތުރުން އެހެން ބާވަތްތަކުގެ ފާނަ ބޭނޭނެ އަދި އެކްސްޕޯޓް ކުރެވޭނެ ސައިޒް ލިމިޓްތަކަށް ބަދަލު ގެނައުން ހިމެނެއެވެ. އަދި ފާނައިގެ ބާވަތްތައް ބޭނޭނެ ނުވަތަ އެކްސްޕޯޓްކުރެވޭނެ ކޯޓާއެއް ކަނޑައަޅާ ތަންފީޒު ކުރުމާއި ފާނައިގެ އާބާދީއަށް އަސަރުކޮށްފާނެ ހަރަކާތްތަކާގުޅޭ އެހެނިހެން ފިޔަވަޅުތައް އެޅުންވެސް ހިމެނެއެވެ.

ފާނައިގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގެ ދަށުން މިވިޔަފާރި ބެލެހެއްޓުމާގުޅޭ ގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކާ، ކަމާ ބެހޭ ފަރާތްތައް ހިމެނޭ ލަފާދޭ ކޮމިޓީއެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.