ޚަބަރު

ސައިކަލަކުން ޖެހި 3 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް


ގދ. ދާންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު 3 އަހަރު ކުއްޖާ މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ،

މިއަދު އިރުއޮއްސުނު ވަގުތު މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލަކުން އެ ކުއްޖާގެ ގައިގައި ޖެހިގެންނެވެ. މި ކުއްޖާއަކީ އެރަށަށް ޗުއްޓީ ހޭދަކޮށްލަން ގޮސްއުޅޭ ފުވައްމުލަކު އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ.

މި އެކްސިޑެންޓްގައި ޒަހަމްވި ފިރިހެން ކުއްޖާއަށް ދާންދޫ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ގއ. ވިލިނގިލި ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ މި ތުއްތު ކުއްޖާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބި ފައި ބިންދައިގެން ދިޔުމުގެ އިތުރުން އިތުރު ޒަހަމްތައްވެސް ލިބިފައިވާކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 19 އަހަރުގެ ޒުވާނާއަށްވެސް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. އެ ޒުވާނާއަށްވެސް ފަރުވާ ދިނުމަށް މިހާރު ވަނީ ގއ ވިލިގިނލީ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ފުލުހުން ވިދާޅުވީ އެ އެކްސިޑެންޓް ހިނގައިގެން އުޅޭކަމުގެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިއަދު އިރުއޮއްސި 18:10 ހާއިރުކަމަށެވެ. އެކްސިޑެންޓްވި ސައިކަލު ދުއްވާފައިވަނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ ތަޙްޤީގު ކުރަމުންނެވެ.