ޚަބަރު

ސްކޫލްތައް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި


އަންނަ އަހަރު ސްކޫލްތައް ހުޅުވުމުގެކުރިން ކޯވިޑް-19އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައްކުރައްވާފައި ވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިސްބޭފުޅުންނާއި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެމްބަރުންނެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ އަންނަ އަހަރު ސްކޫލްތައް ހުޅުވެންވާއިރަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންތައްތައްތަކާ ގުޅޭގޮތުންނެނެވ. މީގެ އިތުރުން މިހާރު ސްކޫލްތަކުގައި ރައްކަތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ 2021ވަނަ އަހަރު ރައްކާތެރިކަމާއެކު ސްކޫލްތައް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކާގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް މިބައްދަލުވުމުގައި ކުރިއަށް ދިޔަކަމަށެވެ.

އަންނަ އަހަރުގެ ސްކޫލްތައް ހުޅުވައިގެން ކިޔަވައިދޭން ފެށުމަށް ނިންމާފައިވަނީ ޖެނުއަރީ މަހުގެ 10ވަނަ ދުވަހުގައެވެ. އެއީ މިއަހަރުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުމެވެ. ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ ޖޫންމަހުގެ 24ގައެވެ. އަދި 2021 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 11ވަނަ ދުވަހުގައެވެ.

ގާތްގަނޑަކަށް 4 މަސްދުވަސްވަންދެން ފުރަބަންދެއްގައި އޮތުމަށްފަހު މާލެ، ވިލިމާލެ، ހުޅުމާލޭގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގްޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެންވަނީ ރޭޑް 1އިން ފެށިގެން މައްޗަށް ކިޔަވައިދޭން ފަށާފަވެ. އެހެންނަމަވެސް މާލެ ސަރަހައްދުގައި ކިޔަވާދޭނީ ގްރޭޑް 9 އަކުން ފެށިގެން މަތީގެ ދަރިވަރުންނަށެވެ. އަދި ސްކޫލްތައް ހުޅުވާ ކިޔަވައިދޭން ފަށާފައިވަނީ ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކަކާއެކުގައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކިޔަވައިދެމުން ދަނިކޮށް، މާލެ ސަރަޙައްދުގައި މިދިޔަ އޯގަސްޓްމަހު ކޭސްތައް އިތުރުވުމާ ގުޅިގެން އަނެއްކާވެސް މިސަރަޙައްދުގެ ސްކޫލްތައް ބަންދުކުރަން ޖެހުނެއެވެ. އެހެންނަމަވެސް އަލުން އަނެއްކަވެސް އޮކްޓބަރުމަހުގެ ތެރޭ މާލެ ސަރަޙައްދުގައި ގްރޭޑް 7 ފެށިގެން މަތީގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށިއެވެ.

ކޯވިޑް-19އާ ގުޅިގެން ސްކޫލްތަކުން އެޅި ރައްކާތެރި ވުމުގެ ފިޔަވަޅުތަކަށް ބަލާލާއިރު އެންމެ ފުރަތަމަވެސް އެއްވެސް ދަރިވަރަކަށް ނުވަތަ އާއިލާގެ އެއްވެސް މީހަކަށް ކޯވިޑު ޖެހި ނުވަތަ ކަރަންޓީނަށް ގެންގޮސްފައިވޭތޯ ބަލައި އެމަޢުލޫމާތުތައް ސްކޫލްތައް ހުޅުވުމުގެ ކުރިން އެއްކުރަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެންގެވިއެވެ. ކޯވިޑް-19ގެ ބަލީގެ ރިސްކެއް އޮތް އެއްވެސް ދަރިވަރަކަށް ނުވަތަ މުވައްޒަފަކަށްވެސް ސްކޫލަކަށް ނާދެވޭނެކަމަށާ، އެފަދަ ދަރިވަރެއްގެ ނުވަތަ މުވައްޒަފެއްގެ މައުލޫމާތު ސިއްހީ ދައިރާތަކަށް ހިއްސާކޮށް ބަލަންޖެހޭނެކަމަށްވެސް އަންގާފައިވެއެވެ.

ސްކޫލްތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ވަނުމުގެ ކުރިން ހުން ބެލުމާއި އަތް ސެނިޓައިޒްކުރުންހިމެނެއެވެ. ކްލާސްރޫމްތަކުގެ ތެރޭގައި ދަރިވަރުން އިށީނދެ ތިބޭނެ އިންތިޒާމާއި ޓީޗަރުން ކިޔަވައިދިނުމުގައި ކްލާސް ތެރޭގައި އަމަލުކުރާ ގޮތްތައް ވެސް އިންތިޒާމުކޮށްފައިހުރީ ގައިދުރުކަމަށް މަގުފަހިވާނެ ގޮތަށެވެ. ދަރިވަރުންނާއި މުދައްރިސުން ތިބެންޖެހެނީ މާސްކްވެސް އަޅައިގެންނެވެ. ސްކޫލްތަކުގައި ވަނީ އަތްދޮވެވޭނެ އިންތިޒާމްތަކާއި ސެނިޓައިޒަރ ބަހައްޓާފައެވެ.