ޚަބަރު

މާލޭގައި ފަޔަރ ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ފަށައިފި


މާލޭގައި ފަޔަރ ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

ފަޔަރ ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމުގެ މަޝްރޫޢަކީ މާލޭގައި ހިނގާ އަލިފާނުގެ ޙާދިސާތައް މަދުކޮށް އަލިފާން ނިއްވުމުގެ ޚިދުމަތް އިތުރަށް ފުޅާކޮށް އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ދުރާލައި ކުރުމަށްޓަކައި ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

މިމަސައްކަތަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރއާއި އެމްޑަބްލިޔުއެސްސީއާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މަސައްކަތް ކުރިޔަށްދާ ސައިޓް ސުޕަވައިޒްކުރުމާއި އިތުރު ބައެއް މަސައްކަތްތައް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ޓީމުން އަންނަނީ ކުރަމުންނެވެ. އެގޮތުން މި ޕްރޮޖެކްޓުގެ މަސައްކަތަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމާއި ފެން ހިންދަންޖެހޭ ޙާލަތްތަކުގައި އެކަންވެސް ކުރަމުން އަންނަނީ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިމަހުގެ 13ވަނަ ދުވަހު ޢަމަލީ މަސައްކަތް ފަށާފައިވާ މި މަޝްރޫޢުގެ ދަށުން މަޖީދީމަގުގައި ޖުމްލަ 12 ފަޔަރ ހައިޑްރަންޓް ބެހެއްޓުމަށްވަނީ ހަމަޖެހިފައިވެއެވެ. އޭގެތެރެއިން މިހާތަނަށް 3 ފަޔަރ ހައިޑްރަންޓް ބެހެއްޓުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިހާތަނަށް މިމަޝްރޫޢުގެ ދަށުން ކުރަމުންދާ މަސައްކަތުގައި މަޖީދީމަގު މާފަންނު މަދަރުސާކައިރިއާއި، މާފަންނު ސަހަރާ ކައިރީގެ އިތުރުން މަޖީދީމަގު ޝާޢިރުވާދީ ކައިރީ ހަރުކުރުމަށް ނިންމާފައިވާ ފަޔަރ ހައިޑްރެންޓްގެ މަސައްކަތްވަނީ ނިމިފައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. މިވަގުތު މަސައްކަތްކުރަމުންދަނީ މަޖީދީމަގު އަސަރީގޯޅި ކައިރީގައި ހަރުކުރާ 4ވަނަ ފަޔަރ ހައިޑްރަންޓް ބެހެއްޓުމުގެ މަސައްކަތްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާ ގޮތުގައި މިމަޝްރޫޢުގެ މަސައްކަތް ތާވަލު ކުރެވިފައިވާގޮތަށް ކުރިއަށްދާނަމަ 2021ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ނިންމާލެވޭނެއެވެ.

މަޖީދީމަގުގައި މީގެކުރިންވެސް ވަނީ ފަޔަރ ހައިޑްރަންޓް ސިސްޓަމްތަކެއް ބަހައްޓާފައެވެ. ނަމަވެސް އެސިސްޓަމްތައް ހުރީ ބޭނުންނުކުރެވޭ ޙާލަތުގައި ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިފަހުން މާލޭގައި ހިނގި އަލިފާނުގެ ޙާދިސާތަކުގައިވެސް އެސިސްޓަމްތައް ބޭނުންކޮށްފައެއްނުވެއެވެ.

ތޮއްޖެހިފައިވާ މާލޭގައި ހިނގާފައިވާ ހިތާމަވެރި އަލިފާނުގެ ޙާދިސާތަކުގައި އަލިފާން ކޮންޓްރޯލްކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވަނީ އަލިފާން ނިއްވުމަށް ބޭނުންވާ އުޅަނދުތައް މާލޭގެ ހަނިމަގުތަކަށް ވެއްދުމެވެ. މިކަން މީގެކުރިން ހިނގާފައިވާ އަލިފާނުގެ ޙާދިސާތަކުގައިވެސް ތަޖުރިބާކުރެވިފައިވާކަން ކަމާބެހޭ ފަރާތްތަކުންވަނީ ހާމަކުރައްވާފައެވެ.