ޚަބަރު

މާފިލާފުށީގައި އަލަށް ޢިމާރާތްކުރާ އެމްއެންޑީއެފްގެ އެގްޒެކެޓިވް ބްލޮކްގެ ބިންގާއަޅައިފި


އެމް.އެން.ޑީ.އެފްގެ ނޮދަން އޭރިޔާގައި ޗަމްޕާ މުޙައްމަދު މޫސާގެ އެހީތެރިކަމާއެކު ޢިމާރާތްކުރާ އެގްޒެކެޓިވް ބްލޮކްގެ ބިންގާ އަޅައިފިއެވެ.

މާފިލާފުށީގައި އިމާރާތްކުރާ އެގްޒެކެޓިވް ބްލޮކްގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ ޢަޙުމަދުދީދީ އާއި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ސިފައިންގެ ޢުމްރާނީ ތަރައްޤީއަށާއި ސިފައިންގެ ވެލްފެއަރ ކަންކަމަށް އަމިއްލަ ފަރާތްތަކުން ވެދެއްވާ އެހީތެރިކަމަން ފާހަގަކުރައްވާފައެވެ. އަދި ޚާއްސަކޮށް ސިފައިންގެ ޚިދުމަތަށް ޗަމްޕާ މުޙައްމަދު މޫސާ ފޯރުކޮށްދެއްވާ އެހީތެރިކަމަށް ހުރިހާ ސިފައިންގެ ބޭކަލުންގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.

މާފިލާފުށީގައި ޢިމާރާތްކުރާ އެގްޒެކެޓިވް ބިލްޑިންއަކީ 6 ފަންގިފިލާގެ ޢިމާރާތެކެވެ. މި ޢިމާރާތުގެ ހުރިހާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވަނީ ޗަންޕާ މުޙައްމަދު މޫސާގެ ދީލަތި އެހީތެރިކަމާއެކުއެވެ.

އެގްޒެކެޓިވް ބިލްޑިންގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އެމް.އެން.ޑީއެފްގެ ބައެއް ޖެނަރަލް އޮފިސަރުންނާއި ނޮދަން އޭރިޔާގެ ކޮމާންޑަރ ކާނަލް އިސްމާޢީލް ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.