ޚަބަރު

ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި


މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމް.އެން.ޑީއެފްގެ 66 ވަނަ އަސާސީ ތަމްރީން ދިނުމުގެ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ޅ. މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފްގެ ބޭސިކް ޓްރެއިނިންގ ސްކޫލްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙުމަދުދީދީއެވެ.

ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް 97 ސިފައިން ވަނީ ސިފައިންގެ ޚިދުމަތާ ގުޅިފައެވެ. މީގެ ތެރޭގައި 17 އަންހެން ސިފައިންނާއި 80 ފިރިހެން ސިފައިން ހިމެނެއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ މިދިޔަ 2 އަހަރު ކުރެވުނު މަސައްކަތުން ސިޔާސީ ނުފޫޒުން ދިފާޢީ މުއައްސަސާ އެއްކިބާ ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިއަދު ސިފައިންގެ ޚިދުމަތުގައި ކުރިއެރުން ޙާޞިލުކުރެވޭނީ ހަމައެކަނީ ސިފައިންގެ އަމިއްލަ މަސައްކަތުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސިފައިންނަށް ކުރިއެރުން ޙާޞިލްކުރެވޭނީ ތިމާގެ ޤާބިލުކަމާއި ބުރަ މަސައްކަތުން ނަތިޖާ ނެރެ އެކަން ސާބިތުކޮށްދީގެން. އޭރުން ކުލަޔަކަސް މެޑައްޔަކަސް އެއްވެސް ތަފާތުކުރުމެއްނެތި އެއޮންނަ އުސޫލެއްގެ ދަށުން ކުރިއެރުން ލިބިގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

ސިފައިންގެ ޚިދުމަތަށް ނުކުންނަ އާޖީލަށް ނިސްބަތްކޮށް މިނިސްޓަރ ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާއިރު އިންސާފާއި ހަމަހަމަކަމާއެކު ޙިދުމަތް ދިނުމަށް އިސްކަންދޭންވާނެކަމަށެވެ. އަދި ސިފައިންގެ މައިގަނޑު އަމާޒަކަށް ވާންޖެހޭނީ ރައީސުލްޖުމްޙޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ޤައުމީ ދިފާޢީ ބާރާމެދު ގެންގުޅުއްވާ ތަޞައްވުރު ހަޤީޤަތަކަށް ހެދުންކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯރސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ސީ.ޑީ.އެސް.އެސްގެ ޖެނެރަލް އޮފިސަރ ކޮމާންޑިންގ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު އާއި އެމް.އެން.ޑީ.އެފްގެ ޖެނެރަލް އޮފިސަރުންގެ އިތުރުން ނޯދަން އޭރިޔާ ކޮމާންޑަރ ކާނަލް އިސްމާއީލް ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.