ވިޔަފާރި

ސަޓާގެ "ލީޑިންގ ޓޫރިސްޓް ޓްރާސްޕޯޓް ޕްރޮވައިޑަރ" އެވޯޑް މޯލްޑިވިއަންއަށް


ސަޓާގެ މިއަހަރުގެ "ލީޑިންގ ޓޫރިސްޓް ޓްރާސްޕޯޓް ޕްރޮވައިޑަރ އެއަރ"ގެ އެވޯޑް މޯލްޑިވިއަންއަށް ލިބިއްޖެއެވެ.

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ދޭ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

ވަރޗުއަލްކޮށް ބޭއްވި އެވޯޑް ހަފްލާގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އާއިޝަތު ޖެނިފާ ވިދާޅުވީ، 2020 ވަނަ އަހަރަކީ ވައިގެ އުދުހުންތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއްކަމަށެވެ. އަދި މި ދަތި އުނދަގޫތަކާއި އެކުވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޯލްޑިވިއަންގެ ޙިދުމަތްތައް ދިނުމަށް މޯލްޑިވިއަންގެ ޓީމުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ޖެނިފާ ވިދާޅުވިއެވެ. އަދި ޓޫރިޒަމާއި އޭވިއޭޝަން އަކީ ގުޅިލާމެހިފައިވާ ދެ އިންޑަސްޓްރީކަން ފާހަގަކުރައްވައި، މި އެވޯޑް ލިބުމަކީ ޕާޓްނަރުންނާއި ކަސްޓަމަރުން މޯލްޑިވިއަންއަށް ކުރާ އިތުބާރު ދައްކުވައިދޭ ކަމެއް ކަމަށް ޖެނިފަރ ވިދާޅުވިއެވެ.

މީގެ ކުރިން 2 އަހަރުވެސް މޯލްޑިވިއަންއަށް ވަނީ ސާޓާ އެވޯޑް ލިބިފައެވެ. އަދި މިނޫންވެސް ބައިނަލްއަޤްވާމީ އެވޯޑްތައް ޤައުމީ އެއަރލައިންއަށް އަންނަނީ ލިބެމުންނެވެ.

ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުން އަންނަ މޯލްޑިވިއަންއިން ވަނީ ކޯވިޑް19 ގެ އެންމެ ދަތި ހާލަތުގައިވެސް ރާއްޖެއަށް ހުސްނުވެ ޒަރޫރީތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އަދި ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ބޯޑަރު ބަންދުކޮށްފައި އޮތްއިރުވެސް މޯލްޑިވިއަންއިން ވަނީ ޗާޓަރ ފްލައިޓްތައް ބާއްވާފައެވެ.