ޚަބަރު

ސަން ކުންފުނިން ގިނަ އުޒުރުތަކެއް، ދައުލަތުން ގިނަ ހެކިތަކެއް


ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑަރ ކުރި މައްސަލާގައި ދައުލަތުން ގިނަ ހެކިތަކެއް ހުށައަޅަފިއެވެ.

މި މައްސަލާގައި ދައުލަތުންވަނީ ކުރީގެ ރައީސް އަބްދުﷲ ޔަމީނާއި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާގެ އިތުރުން ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށް ދައުވާ އުފުލާފައެވެ. އެ ދައުވާގައި ބުނެފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ކުރީގެ ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ 1.18 މިލިއަން ޑޮލަރު ހޯދާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށެވެ. އަދި އެ ފައިސާ ލޯންޑަރކޮށްފައިވަނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ގޮތުގައި ދައްކައިގެންކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ.

މި މައްސަލާގައި ފުރަތަމަ ބޭއްވި އަޑުއެހުމުގައި ދައުލަތުން ލިޔެކިޔުންތައް ނުލިބޭކަމަށް ބުނެ ސަން ކުންފުނީގެ ފަރާތުން ޝަރީއަތު މަޖިލީހުގައި ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް ދެކޮޅު ހަދާފައެވެ. އެހެންކަމުން އެދުވަހު އަޑުއެހުން ނިންމާލީ ލިޔެކިޔުންތައް ހުށައެޅުމަށް މުއްދަތެއް ދިނުމަށްފަހުއެވެ.

މި މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައިވެސް ސަން ކުންފުނިން ފުރަތަމަ ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް ދެކޮޅު ހަދާފައެވެ. އެކުންފުނީގެ ވަކީލު ވިދާޅުވީ އަޑުއެހުން ކަންސަލް ކޮށްދެއްވުމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ އެ ކުންފުނިން ނިންމާފައިވަނީ ދެ ވަކީލުންނާއި އެކު ކުރިޔަށްދާން ކަމަށާއި އެއް ވަކީލަކު އާއިލީކަމެއްގައި ރަށުން ބޭރުގައިވާތީކަމަށެވެ. އެހެންނަމަވެސް މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އެއް ވަކީލަކު ނެތްނަމަވެސް އަނެއް ވަކީލު ހުރުމުން އެއީ ވަކީލަކަށް ފުރުސަތު ނުދިންކަމަށް ނުބެލެވޭނެކަމަށެވެ. އެހެންކަމުން މައްސަލަ ކުރިޔަށް ގެންދިޔުމަށް ގާޒީ ނިންމެވިއެވެ.

އެއާއިއެކު ސަން ކުންފުނީގެ ވަކީލު އަނެއްކާވެސް އިތުރު މައްސަލައެއް ފާހަގަކުރިއެވެ. އެ ފަހަރު ހުށައެޅީ ދައުލަތުން ހުށައެޅި ލިޔެކިޔުންތައް ކިޔަން ނޭގޭކަމަށް ބުނެ އެ މައްސަލައެވެ. އެގޮތުން ދައުލަތުގެ ލިޔެކިޔުންތައް ލިބުނީ މިމަހުގެ 9 ވަނަދުވަހުކަމަށާއި އެ ލިޔެކިޔުންތައް ކިޔަން ނޭގޭކަން ކޯޓްގެސަމާލުކަމަށް ގެނެސްފައިވާކަމަށް ސަން ކުންފުނީގެ ވަކީލު ވިދާޅުވިއެވެ.

ސަން ކުންފުނީގެ މި ޝަކުވާ އާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީވަނީ ދައުލަތުން ހުށައެޅި ހުރިހާ ލިޔެކިޔުންތައް ވަކިވަކިން ޝަރީއަތުގެ މަޖިލީހުގައި އިއްވާފައެވެ. ހުރިހާ ލިޔެކިޔުންތައް އިއްވުމުންވެސް ސަން ކުންފުނީގެ ފަރާތުން ބުނީ ލިޔެކިޔުންތައް ސާފު ނުވާކަމަށެވެ.

މައްސަލާގައި ޖަވާބުދާރީވުމަށް މައްސަލަ ބައްލަވާ ގާޒީ އެންގެމުން ސަން ކުންފުނީގެ ވަކީލް ވަނީ އަނެއްކާވެސް އިތުރު ޝަކުވާއެއް ހުށައަޅާފައެވެ. މިގޮތުން ދައުލަތުން ހުށައަޅާފައިވާ ބައެއް ލިޔުންތައް ސިއްރުކުރަން އެދިފައިވާތީ އެތަކެތި ބެލުމަށް ފަހު ޖަވާބުދާރީ ވާނެކަމަށެވެ.

ވަކީލްގެ މި ވާހަތަކަށް ޖަވާބު ދެއްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ބައެއް ލިޔެކިއުންތައް ސިއްރުކުރުމަށް ދައުލަތުން އެދިފައިވީނަމަވެސް އެކަމުގައި އަދި ޝަރީއަތުން ގޮތެއް ނިންމާފައިނުވާކަމަށެވެ. އަދި ދިފާއުގައި ވަކާލާތުކުރައްވާ ވަކީލަކީ ކޯޓަށް އައު ބޭފުޅެއް ނޫންކަމުން މައްސަލަތައް ހިިންގުމުގައި އަމަލުކުރާގޮތް ސާފުކޮށް އެނގިވަޑައިގަންނަވާނެކަމަށާއި ޝަރީއަތް ކުރިޔަށް ގެންދާގޮތް އިސްފަސްކުރަން މަސައްކަތް ނުކުރެވުމަށް އަންގަވާ މައްސަލައަށް ޖަވާބުދާރީވުމަށް އެދިވަޑައިގެންފައެވެ.

އެއާއިއެކު ސަން ކުންފުނިން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ދައުވާއަށް އިންކާރުކުރުމުން ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށައަޅާފައެވެ. އޭގެތެރޭގައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތާއި ސަން ކުންފުނީގެ ވެރިޔާ ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމާއި އޭނާގެ ބައެއް އަރިސް މީހުން ހިމެނެއެވެ. އޭގެއިތުރުން މި މައްސަލާގައި ތަހުޤީގަށް ބޭނުންކުރި ބައެއް ފޯނުތަކާއި ކޮމްޕިއިޓަރުތައް ބެލި ފޮރެންސިކް ފުލުހުންނާއި ބޭންކްތަކުގެ ގިނަ އަދަދެއްގެ ލިޔުން ހިމެނެއެވެ.

މި މައްސަލާގެ މީގެކުރިން ބޭއްވި ޝަރީއަތުގައި ވާހަކަދައްކަމުން ދައުލަތުގެ ވަކީލް ވިދާޅުވެފައިވަނީ ސަން އިންވެސްޓްމަންޓްސް މެދުވެރިކޮށް މަނީ ލޯންޑަރ ކުރި ފައިސާ ކްރިކް ރިޒާ ގެންނާނެކަމަށް ރައީސް ޔާމީން އެންގެވިކަމަށް ސަން ކުންފުނީގެ ވެރިޔާ އަހްމަދު ސިޔާމް މުހައްމަދު ތަހުޤީގުގައި ބުނެފައިވާކަމަށެވެ.

މި ފައިސާ ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެއްކަން ދައްކަން މަސައްކަތްކުރިއިރު، ސަންގެ އެ ކުންފުނިތަކަކީ ޑޮލަރު މާރުކުރުމުގެ ހުއްދަ އޮންނަ ކުންފުނިތަކެއް ނޫންކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި. އަދި މިފައިސާ ކްރިކް ރިޒާގެ އެކައުންޓްގައި ގިނަދުވަހު ބެހެއްޓުމަށްފަހު މުއާމަލާތުކޮށްފައި ވަނީ މި މުއާމަލާތަކީ ސައްހަ މުއާމަލާތެއްކަން ދެއްކުމަށްކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.