ޚަބަރު

އަޔޯރާގެ އެއްބަސްވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ


އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން(އަޔޯރާގެ)ގެ ޤައުމުތަކުގެ މެދުގައި އޮންނަ "ކޯޑިނޭޝަން އެންޑް ކޯޕަރޭޝަން އޮފް ސަރޗް އެންޑް ރެސްކިއު ސަރވިސްއިން ދަ އިންޑިއަން އޯޝަން ރީޖަން"ގެ އެއްބަސްވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަން ޢާއިޝަތު ނަހުލާއެވެ.

މި އެއްބަސްވުމަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ސަރޗް އެންޑް ރެސްކިއުގެ ޚިދުމަތް ވިލަރެސްކުރުމަށް ވެފައިވާ އެއްބަސްވުމެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ. މީގެއިތުރުން މިދާއިރާއިން ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކުރުމަކީވެސް މިއެއްބަސްވުމުގެ އަމާޒެއްކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

އިންޑިއާ ކަނޑުގެ ސަރަޙައްދަކީ ބޮޑު ސަރަޙައްދަކަށްވުމުން މިސަރަޙައްދުގެ އަމަން ބެލެހެއްޓުމުގައި ޤައުމުތަކުން އަންނަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ކަނޑުމަތީގައި ހިނގާ އެކި ޙާދިސާތަކުގައި އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް އަބަދުވެސް ލިބެއެވެ. އަޔޯރާގައި 22 ޤައުމަކާއި ޑައިލޮގްތަކުގައި ބައިވެރިވާ 10 ބައިވެރިން ހިމެނެއެވެ. އަޔޯރާ އުފައްދާފައިވަނީ 1997 ވަނަ އަހަރުގައެވެ.