ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރި ކުރާ ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް 4 ސައިކަލު ހަދިޔާކޮށްފިއެެވެ.
ލިޓަސްގެ ފަރާތުން ހަދިޔާކުރި ސައިކަލުތައް އެމްއެންޑީއެފްއާ ޙަވާލުކޮށްފައިވަނީ އެކަމަށްޓަކާ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން މި ސައިކަލުތަކާއި ހަވާލުވެވަޑައިގަތީ ކޯސްޑް ގާރޑް ކޮމާންޑަންޓް ކާނަލް މުޙައްމަދު ސަލީމެވެ. ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފަށް މި ތަކެތި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް އަޙްމަދު ޒާހިރެވެ.
ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މި ހަދިޔާކުރި ސައިކަލްތަކަކީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ކުރަމުން ގެންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަދިޔާކުރި ސައިކަލުތަކެކެވެ. މި ރަސްމިއްޔާތުގައި ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ސައިކަލު ހަދިޔާކުރުމާ ގުޅިގެން އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން ވަނީ ލިޔުމެއް ހަވާލުކޮށްފައެވެ. މި ލިޔުން ލިޓަސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
ލިޓަސް މޯލްޑިވްސް އިން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކުރި ސައިކަލުތައް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ކޯސްޓްގާޑް ކޮމާންޑަންޓް ކާނަލް މުޙައްމަދު ސަލީމްގެ އިތުރުން ލިޓަސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އަލްފާޞިލް އަޙްމަދު ޒާހިރުވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކޮށްފައިވަނީ އެ ކުންފުނިން އަލަށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފަށާފައިވާ ހައޯޖޫ 125 ސީސީ ބްރޭންޑްގެ ސައިކަލެވެ.