ޚަބަރު

"ސެނަހިޔާ ނޮދަން"ގެ ނަމުގައި މާފިލާފުށީގައި ކްލިނިކެއް


"ސެނަހިޔާ ނޮދަން"ގެ ނަމުގައި އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ޅ.މާފިލާފުށީގައި ކްލިނިކެއް ހުޅުވައިފިއެވެ. މި ކްލިނިކް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

ކްލިނިކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެ ސިފައިންގެ މީހަކީ ޤާބިލް، ޕްރޮފެޝަނަލް، ހަށިހެޔޮ، "ފައިޓިންގ ފިޓް" ސޯލްޖަރއެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ދޭންޖެހޭ ތަމްރީނުތައްދީ، ޤައުމަށް ކުރިމަތިވެދާނެ ނުރައްކަލުގެ ޙާލަތްތަކާ ކުރިމަތިލުމަށް ތައްޔާރުކުރަނީ ދައުލަތުން ވަރަށްބޮޑު ހޭދައެއް ކޮށްގެންކަމަށެވެ.

ޤައުމީ ވާޖިބަކަަށް ސިފައިން ތައްޔާރުކުރާއިރު ސިފައިންނަށް ލިބޭ ޒަޚަމްތަކާއި ހާނިއްކަތަކާއި މިނޫންވެސް ޞިއްޙީ ފަރުވާއަށް ބޭނުންޖެހިއްޖެ ޙާލަތެއްގައި، އެ ޚިދުމަތް އެންމެ އެކަށޭނަގޮތެއްގައި ފޯރުވާދިނުމަކީ ޤައުމީ ސަލާމަތާވެސް ގުޅިފައިވާ މުހިންމު މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާފައެވެ.

"ސެނަހިޔާ ނޮދަން"އަކީ ސިފައިންނަށް ޞިއްޙީގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާއި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަން ފަހަގަކުރައްވާ މިނިސްޓަރ ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

"މިކްލިނިކަކީ، ސިފައިންނަށް ޞިއްޙީގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް، ރައްކާތެރިކަމާއެކު، ފޯރުކޮށްދިނުމަށްޓަކައި، އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް، އެކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލަށާއި ޖެނެރަލް އޮފިސަރުންނަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން." މިނިސްޓަރ ވިދާޅުވިއެވެ.

ސިފައިންނަށް ޞިއްޙީ ޚިދުމަތް ދިނުމަށްޓަކާ ހުޅުވި މިކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ކޯވިޑް-19ގެ މި ދަތި އުނދަގޫ ހާލަތުގައިވެސް، މިކްލިނިކްގެ މަސައްކަތް ނިންމާފައިވާތީ، ސިފްކޯއަށާ، އެމް.އެން.ޑީ.އެފްގެ ސަރޖަން ޖެނެރަލް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދަށާއި، މެޑިކަލްކޯގެ ސިފައިންނަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވާފައެވެ.

ސިފައިންގެ ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ހުޅުވި މި ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯރސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ސީ.ޑީ.އެސް.އެސްގެ ޖެނެރަލް އޮފިސަރ ކޮމާންޑިންގ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދާއި، އެމް.އެން.ޑީ.އެފްގެ ޖެނެރަލް އޮފިސަރުންގެ އިތުރުން ނޮދަން އޭރިޔާ ކޮމާންޑަރ ކާނަލް އިސްމާއިލް ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.