ޚަބަރު

ސާފު ހުޅުމާލެ ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު


ހުޅުމާލެ ސާފުކުރުމަށް ކުރިއަށްގެންދާ "ސާފު ހުޅުމާލެ" ޕްރޮގްރާމް މިމަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ހަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިން ފާހަގަކުރެވިފައިވާ އާއްމުކޮށް ކުނި ގިނަވާ 40 ސަރަހައްދެއްގައެވެ.

މި ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ބާރުއެޅުމާއި، ހުޅުމާލޭގައި ކުނި ގިނަވެފައިވާ ސަރަހައްދުތައް ދެނެގަނެ އެ ތަންތަން ސާފުކުރުން ހިމެނޭކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި މި ސަރަހައްދުތައް ސާފުކުރުމުގެ އިތުރުން ހުޅުމާލޭގެ ރައްޔިތުންގެ މެދުގައި ތިމާވެށި ސާފުކުރުމުގެ ލޯބި އާލާކުރުމާއި، މިފަދަ ކަންކަމަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ހާއްސަ ހަރަކާތްތަކެއްވެސް އެ ސަރަހައްދުތަކުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ސާފު ހުޅުމާލެ ނަމުގައި ކުރިޔަށް ގެންދިއުމަށް ތައްޔާރުވަމުން އަންނަ މި ޕްރޮގްރާމުގައި އެޗްޑީސީގެ މުއައްޒަފުންގެ އިތުރުން ހުޅުމާލޭގައި ހަރަކާތްތެރިވަމުންދާ ސަރުކާރުގެ މުއައްސަސާތަކާއި، ޖަމްޢިއްޔާތަކާއި އަދި ކުންފުނިތައް ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.

ސާފު ހުޅުމާލެ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވާ ހޮނިހިރު ދުވަހުގެ 16:00 އިން ފެށިގެން 18:00 އާ ހަމައަށެވެ. މި ޙަރަކާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 މީހުންގެ ގްރޫޕްތަކަކަށް ބަހާލައިގެންނެވެ.

ސާފު ހުޅުމާލެ ޕްރޮގްރާމަކީ ކޮންމެ އަހަރަކު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ އަދި މި ޝިއާރުގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް، ހުޅުމާލެއަކީ ސާފު ތަނަކަށް ހެދުމަށް އިތުރު ހަރަކާތްތަކެއް ބާއްވާ އާއްމުން ހޭލުންތެރިކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުނުވާގޮތަށް ކުރިއަށްގެންދާ މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު އެޗްޑީސީއިން ވަނީ ހުޅުވާލާފައެވެ.