އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ރާއްޖެއިން ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުންހުރި މައްސަލައަކާއި ގުޅިގެންކަން ފުލުހުން ހާމަކުރެއްވި ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ނިހާނާ ގުޅުވައިގެން ސިޔާސީ ބޭފުޅުން ބޮޑެތި ތުހުމަތުތަކެއް ކުރައްވައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ނަހަމަ މުއްސަނދިކަން ހޯއްދެވުމުގެ ތުހުމަތުވެސް ނިހާނުގެ މައްޗަށް ސިޔާސީ މަސްރަޙުގައި ކުރެވެއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ސުވާލުކުރުމަށް މިދިޔަ އޮކްޓޫބަރު މަހުގެތެރޭގައި އެސެޓް ރިކަވަރީ ކޮމިޝަނަށްވެސް ނިހާނުވަނީ ޙާޒިރުކޮށްފައެވެ.
ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބާ ވަރަށް އަރިސްކޮށް އުޅުއްވި ނިހާނަކީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާހަމައަށްވެސް ޕީޕީއެމްގެ މެމްބަރެކެވެ. އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ ޙައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުވެސް މެއެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވުމާއެކު އޭނާވަނީ މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުންހުރި މައްސަލަތަކުގައި ކުރީގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުންގެ މައްޗަށް ޝަރީޢަތް ހިންގައި މިހާރު ގެންދަވަނީ ޙުކުމް ތަންފީޒުކުރައްވަމުނެނެވެ. އެގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ކުށުގައި 5 އަހަރުގެ ޖަލުޙުކުމެއް އިއްވާފައެވެ. އަދި ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބުގެ މައްޗަށް ވަނީ 20 އަހަރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މީގެ އިތުރުން އެމްއެމްޕީއާރުގެސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ މައްޗަށްވަނީ 11 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުުހުމަތު 18ވަނަ މަޖިލީހުގެ ބައެއް މެންބަރުންނާއި މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ބައެއް މެމްބަރުންގެ ގެމައްޗަށްވެސް ކުރެވެއެވެ. އެގޮތުން ކުރީގެ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށާއި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރެއްގެ މައްޗަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންނެވިކަމުގެ ތުހުމަތު މިމައްސަލަތައް ބައްލަވާ އިދާރާތަކުން ވަނީ ކުރައްވާފައެވެ.
މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން، އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރާކަމަށް ކަމާ ތަޙްޤީޤު އިދާރާތަކުން ވަނީ ހާމަކުރައްވާފައެވެ.
ާހިލްމީ
މީނާމީ އަސްލުވެސް ބޮޑު މަކަރުވެރި ޗޯރެއް. ވަރަށް ވައްކަން ކޮށްފަހުރި މީހެއް އަދި ކުރާ މީހެއް