ވިޔަފާރި

އަންނަ އަހަރަކީ ރާއްޖެއަށް އިންވެސްޓްމަންޓްތައް އަންނާނެ އަހަރެއް: ޑރ. މައުސޫމް


އަންނަ އަހަރަކީ ރާއްޖެއަށް އިންވެސްޓްމެންޓުތައް އަންނާނެ އަހަރެއް ކަމަށް ޓުއަރިޒަމް މިނިސްޓަރ، ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެވެ.

ސީއެންބީސީ އިންޓަރނޭޝަނަލްއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަން ތަރައްޤީ ކުރުމަށް މިއަހަރު 12 ތަނެއް ހުޅުވޭނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް ކޯވިޑް-19ގެ ސަބަބުން އެތަންތަނުގެ މަސައްކަތް އެއްކޮށް ހުއްޓިގެން ގޮސްފައިވާ ކަމަށެވެ. އަދި އެތަންތަން އަންނަ އަހަރަށް ހުޅުވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އަންނަ އަހަރަކީ އިންވެސްޓްމެންޓުތައް ރާއްޖެ އަންނާނެ އަހަރަކަށް ވެގެންދާނެކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއާ އަޅާ ބަލާއިރު ދައްވެފައިވާކަން ފާހަގަ ކުރައްވާ އުއްމީދަކީ ފަތުރުވެރިކަން ކުރިޔެކޭ އެއްގޮތަށް އަވަހަށް އިޔާދަވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 2021 ވަނަ އަހަރަކީ، އުނދަގޫ ނަމަވެސް، ދާއިރާއަށް ރަނގަޅު އަހަރަކަށް ވެގެންދާނެ ކަމަށްވެސް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ބޯޑަރު ހުޅުވާފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާގެ %75 މިހާރު ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން ކޯވިޑް-19އިގެ ވެކްސިން އަންނަ އަހަރު ލިބުމުން މިސިނާއަތަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ޓުއަރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ބައިނަލްއަޤްވާމީ މީޑިއާ ކެމްޕެއިންތައް ދަނީ ކުރިއަށްގެންދަމުންނެވެ. މިހުރިހާ މަސައްކަތްތަކަކާއެކު ރާއްޖޭގެ ވެފައިވަނީ ދުނިޔޭގައިވެސް މިވަގުތު އޮތް ފަތުރުވެރިކަމުގެ އެންމެ މަޤްބޫލް މަންޒިލަށެވެ.