ޚަބަރު

ޗައިނާގެ ވެކްސިނެއް ބޭނުންކުރުމުގެ ހުއްދަ ބަޙްރައިނުން ދީފި


ޗައިނާ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް)އިން އުފައްދާފައިވާ ކޯވިޑް-19 ވެކްސިން ބޭނުންކުރުމުގެ ހުއްދަ ބަޙްރައިނުން ދީފިއެވެ. އެ ވެކްސިން ޖަހަން ބޭނުންވާ މީހުން ދަފްތަރުވުމަށް އިންޓަނެޓު މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމް އެ ޤައުމުގައި މިހާރުވަނީ ހުޅުވާލައިފައެވެ. ބަޙްރައިނުގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނީ ބަޙްރައިނުގެ ރައްޔިތުންގެ ތެރެއިން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ހިލޭ ލިބޭނެކަމަށާއި އެ ފަރާތްތަކުން ވެކްސިން ޖެހުމަށް ދަފްތަރުވެވޭނެކަމަށެވެ.

ސިނޯޕާމުން ތައްޔާރުކުރަމުންދާ ދެ ވެކްސިންގެ ތެރެއިން ބަހުރައިނުގެ ނޭޝަނަލް ހެލްތު ރެގިއުލޭޓަރީ އޮތޯރިޓީން ޙުއްދަ ދީފައިވަނީ ކޮން ވެކްސިނަކަށްކަން، ހުއްދިދިންކަން އިޢުލާނުކޮށް އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައެއް ނުވެއެވެ. ނަމަވެސް އެ ބަޔާނުގައި އެ ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހުލީލުތަކުގެ ނަތީޖާތައް ހިމަނާ ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 86 އިންސައްތަކަމަށްވަނީ ބުނެފައެވެ. އެ ތަހުލީލުތަކުގައި ބަހުރައިނުންވެސް ބައިވެރިވެފައިވާކަމަށް އެ ބަޔާނުގައި ބުންޏެވެ. މީގެ ކުރިން އެ ޤައުމުގައި ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް އެ ވެކްސިން ދިނުމުގެ ހުއްދަ އެ ޤައުމުން ދީފައިވާކަމަށްވެސް ބަޙްރައިނުން ބުންޏެވެ.

ބަޙްރައިނުން ބަޔާންކޮށްފައިވާ ތަހުލީލުތަކުގެ ނަތީޖާއަކީ ސިނޯޕާމްގެ ޗައިނާ ނޭޝަނަލް ބަޔޯޓެކް ގްރޫޕު (ސީއެންބީޖީ)ގެ ބައެއްކަމުގައިވާ ބެއިޖިންގ އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕެރޮޑަކްޓުން ތައްޔާރުކޮށްފައިވާ 'އިންއެކްޓިވޭޓެޑް' ވެކްސިނެއްގެ ތަހުލީލުތަކުގެ އިބްތިދާޢީ ނަތީޖާތަކެވެ. މި މަހުގެ ކުރީކޮޅުގައި ޔޫއޭއީއިންވަނީ ހަމަ އެ ނަތީޖާތައް ޝާއިޢުކޮށްފައެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ޔޫއޭއީގައިވަނީ އެ ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހުލީލުތައް ކުރިއަށް ގެންގޮސްފައެވެ. އޭގެ ފަހުން އެ ތަހުލީލުތަކުގައި ބަޙްރައިނާއި އުރުދުންނާއި މިޞްރުންވަނީ ބައިވެރިވެފައެވެ.

ސިނޯފާމްގެ ވެކްސިނަށް ބަޙްރައިނުން ހުއްދަދީފައި މިވަނީ ވެކްސިންގެ ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުގައި ބައިވެރިވި މީހަކަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކޮށްގެން ޕެރޫގައި ކުރިއަށް ގެންދިޔަ އެ ވެކްސިންގެ ތަހުލީލުތައް މެދުކަނދާލާފައިވަނިކޮށެވެ. ޕެރޫގެ ސަރުކާރިން ބުނީ އެ ހާދިޘާ މެދުވެރިވީ ވެކްސިންގެ ސަބަބުންތޯ ނުވަތަ އެނޫންވެސް ސަބަބަކާއި ހުރެތޯ ޔަޤީންކުރަމުންދާކަމަށެވެ.

މި މަހުގެ ކުރީކޮޅުގައި ބަޙްރައިނުންވަނީ ފައިޒަރއާއި ބަޔޯއެންޓެކުން އުފައްދާފައިވާ ކޯވިޑް-19 ވެކްސިން ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. ނޮވެމްބަރު މަހުގެ 13ވަނަ ދުވަހުގައި ބަހުރައިނުގެ އަވަށްޓެރި ކުވައިތުންވެސްވަނީ ފައިޒަރގެ ވެކްސިނަށް ހުއްދަދީފައެވެ.